އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.
ރައީސް ނަޝީދު މިކަން ހާމަކުރައްވާފައިވަނީ އަތުން ލިޔުއްވާފައިވާ ސިޓީއެއްގެ ފޮޓޯ ސޯޝަލްމީޑިއާގައި ހިއްސާކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
އެ ސިޓީގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގެ ކަންކަން ހިނގަމުންދާގޮތުން އެމްޑީޕީގައި މިވަގުތު ހުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.
"ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާގޮތަށްބަލާ އަޅުގަނޑު ތިޔަ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭކަމުން، އަޅުގަނޑު ތިޔަ ޕާޓީއިން ވަކިވި ވާހަކަ ދެންނެވީމެވެ." އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް އެޑްރެސްކޮށް ރައީސް ނަޝީދު ލިޔުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވެއެވެ.
Miadhu alhugandu MDP in vakivejje in pic.twitter.com/WSRDnCfHBH
— Mohamed Nasheed (@MohamedNasheed) June 21, 2023
ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައި މިވަނީ ރައީސް ނަޝީދާއި ރައީސް ސޯލިހްއާ ދެމެދު ހިޔާލުތަފާތުވުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ އާ ސިޔާސީ ޕާޓީއެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
ސިޔާސީ ފަސްފަހަތް:
ރާއްޖޭގެ ދެކުނުގެ ކަނޑުގެ މައްސަލައިގައި ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު އޭގައި ސޮއި ކޮށްފައި އޮތުމުން މެންބަރު އަލީ އާޒިމް ވަނީ އެމްޑީޕީން ވަކިކޮށްފައެވެ. އެކަމާ ގުޅިގެން އަދި ރައީސް ސޯލިހަށް ތާއީދުކުރާ މެންބަރުންނާ މެދު އޮތް ހިޔާލުތަފާތުވުންތަކާ ހެދި އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދުކުރާ 12 މެންބަރަކު ވަނީ އެމްޑިޕީން ވަކިވެފައެވެ.
ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުން "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް އަންނަނީ ކުރަމުންނެވެ. އެހެންނަމަވެސް އެ ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމަށް ކޯރަމް ހަމަނުވާތީ ވަނީ ނުދީ ހިފަހައްޓާފައެވެ.
ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދު ހިޔާލުތަފާތުވުންތައް ބޮޑުވީ ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއަށްފަހުއެވެ. އޭގެފަހުން ދެބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ ރައީސް ނަޝީދު ވަނީ ރައީސް ސޯލިހާ އެމްޑިޕީގެ ރިޔާސީ ޕްރައިމަރީގައިވެސް ވާދަކުރައްވާފައެވެ. އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ރައިސް ސޯލިހެވެ. އެހެންނަމަވެސް ގިނަ އަދަދެއްގެ އާންމު މެންބަރުން ވަކިކޮށް ޕްރައިމަރީ ބާއްވާތީ ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އޭރުވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރައީސް ނަޝީދު މިފަހަކަށް އައިސް ސިޔާސީގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަދި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މަޖިލިސް މެންބަރުންނާއެކު އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.