ބޮޑު އީދާ ދީމާކޮށް ސަރުކާރަށް ވެސް ބޮޑު ބަންދެއް އައި އިރު، އައްޑޫގެ ބައެއް މިސްކިތްތަކުގެ މުދިމުންނަށް މި މަހުގެ މުސާރަ ނުލިބޭކަމުގެ ޝަކުވާތައް ބޮޑުވެއްޖެ އެވެ.
މި ގޮތަށް ދިމާވި އިރު، ފިނޭންސް މިނިސްޓްރީން އޮތީ އިއްޔެގެ ނިޔަލަށް ސަރުކާރުގެ ހުރިހާ އިދާރާތަކެއްގެ މުވައްޒަފުންނަށް މި މަހުގެ މުސާރަ ދިނުމަށް އަންގައި މި މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ސާކިއުލާއެއް ވެސް ނެރެފަ އެވެ. އޭގައި ބުނެފައި ވަނީ އަޟްހާ އީދާ ދިމާކޮށް މި މަހުގެ 25-29 އަށް ސަރުކާރު ބަންދުވާތީ މި މަހުގެ މުސާރަ އެ މިނިސްޓްރީން ޕްރޮސެސް ކުރާނެ އެންމެ ފަހު ތާރީހަކީ މި މަހުގެ 22 ކަމަށެވެ.
ނަމަވެސް އިސްލާމިކް މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ އަތޮޅު ތެރޭގެ މުދިމުންނަށް މި މަހުގެ މުރާސަ ފިނޭންސްގެ ސާކިއުލާގައިވާ ގޮތަށް ޖަމާކޮށް ދީފައި ނުވާތީ މިކަމުގެ ކަންބޮޑުން ވަނީ އުފެދިފަ އެވެ.
އައްޑޫގެ މުދިމަކު ބުނީ މާލޭގެ މިސްކިތްތަކުގެ މުދިމުންނަށް މުސާރަ ލިބުނުކަން އެނގިފައިވާ ކަމަށެވެ.
"އެކަމަކު އަތޮޅު ތެރޭގެ ވަރަށް ގިނަ މުދިމުންނަށް މުސާރަ ޖަމާކޮށެއް ނުދޭ ސާކިއުލާގައި އެންގި ގޮތަކަށް. ޔަގީނުން ވެސް ސަރުކާރު އިއްޔެ ބަންދުވި އިރަކު އައްޑޫގެ މުދިމުންނަކަށް މުސާރަ ޖަމާވެފައެއް ނެތް." އޭނަ ބުންޏެވެ.
މިކަމާ ގުޅިގެން ވާހަކަ ދެއްކި ބައެއް މުދިމުން ބުނީ މުސާރަ ޖަމާނުވެގެން އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަދީލްއާ ސުވާލުކުރުމުން ފިނޭންސަށް މުސާރަ ޕްރޮސެސްކޮށްދޭން އެދިފައިވާ ކަމަށް ވިދާޅުވި ކަމަށެވެ.
"ދެން އެކަން ބައްލަވައި ދެއްވާނެ ކަމަށް ވިދާޅުވި ގޮތަކަށް ފަހަކުން ޚަބަރެއް ނުވޭ." މުދިމަކު ބުންޏެވެ.
މުދިމުންތަކެއް ބުނީ އަޟްހާ އީދު ފަދަ ބޮޑު ބަންދަކާ ދިމާވި އިރު، މި މަހުގެ މުސާރަ ނުލިބުމަކީ އެކަމުގެ ދަތިކަން މި އީދުގެ ތެރޭގައި ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށެވެ.
"ވަރަށް ދެރަކޮށް އަހަރެމެންނަށް މި ދިމާވީ." މުދިމަކު ބުންޏެވެ.
މީގެ ކުރިން ވެސް އައްޑޫގެ މުދިމުންތަކެއް ވަނީ މުސާރަ ޖަމާވުން ލަސްވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.