Last Updated: September 19, 21:36
Friday, September 20, 2024
ޚަބަރު

އައްޑޫއަށް އަނެއްކާވެސް އިތުރު 5 ޖަނަރޭޓަރު!

ރޭ ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ

އައްޑޫއަށް ގެންނަން ޖަނަރޭޓަރު ތަކެއް ގަނެފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވަނިކޮށް، އިތުރު ފަސް ޖަނަރޭޓަރެއް ހޯދުމަށް ބަޔަކާއެކު ސޮއިކޮށްފިއެވެ.

ސަރުކާރުން ކުރިއަށްގެންދާ "24 ގަޑިއިރު ކަރަންޓް ޔަގީން" ރަސްމިއްޔާތުގައި ފެނަކަ ކޯޕަރެޝަން ވަނީ މި 5 ފަސް ޖަނަރޭޓަރު ގެނައުމަށް ޗައިނާގެ ފުޖިއަން ޔަނާން ޕަވާ ކޯޕަރޭޝަނާއި އޭއެލްއެމް އިންޖީނިއަރިން ނަމަކަށް ކިޔާ ކުންފުންޏަކާއި އެކު އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ.

އަދި ސޮއިކުރި ލިއުމުގެ ކޮޕީއެއް ވަނީ ރޭ ފޭދޫ ދާއިރާގެ މަޖްލިސް މެމްބަރު އިބްރާހިމް ދީދީ އާއި ހަވާލުކޮށްފައެވެ.

ޗައިނާގެ ފުޖިއަން ޔަނާން ޕަވާ ކޯޕަރޭޝަނާއި އެކު ފެނަކަ ކޯޕަރޭޝަންއިން ސޮއިކޮށްފައި ވަނީ ދެ މެގަވޯޓްގެ ދެ ޖަނަރޭޓަރު ސެޓު އައްޑޫއަށް ފޯރުކޮށްދިނުމަށެވެ. އެއީ 28.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އޭއެލްއެމް އިންޖީނިއަރިން އާއި އެކު ސޮއިކޮށްފައި ވަނީ އެއް މެގަވޯޓުގެ ތިން ޖަނަރޭޓަރު ސެޓު އައްޑޫ ސިޓީއަށް ފޯރުކޮށްދިނުމަށެވެ.އެއީ 14 މިލިއަން ރުފިޔާ އެވެ.

ފެނަކަ ކޯޕަރޭޝަންއިން އައްޑޫއަށް އިންޖީނު ފޯރުކޮށްދިނުމަށް ސޮއިކޮށްފައިމިވަނީ އައްޑޫއަށް އެއް މެގަ ވޯޓުގެ ދެއިންޖީނު ގެނައުމަށް އޯޑަރު ކުރިކަމަށް ބުނި ފަހުންނެވެ. އަދި ދެ މެގަ ވޯޓް އިންޖީނު ހޯދުމާއި ގުޅޭ ބިޑް ޕްރޮސެސް ނިންމާ ބަޔަކާއި ހަވާލުކުރިކަމަށް ވިދާޅުވި ފަހުންނެވެ.

އައްޑޫގެ ކަރަންޓްގެ ހާލަތު ދަށްވެފައިވާތާ ދެ ތިން އަހަރުވެއްޖެއެވެ. ނަމަވެސް އަދި މިހާތަނަށް މިކަމަށް އެދެވޭ ހައްލެއް ލިބިފައި ނުވެއެވެ.