Last Updated: November 29, 17:51
Friday, November 29, 2024
ޚަބަރު

މިހާރު ދުވާލަކު އަންނަ ޓޫރިސްޓުން މަދު

މިހާރު ރާއްޖެ އަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އަންނަ ޓޫރިސްޓުންގެ އަދަދު މަދުވަމުންދާކަން ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީގެ ރެކޯޑްތަކަށް ބަލާ އިރު މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 21 އާ ހަމަަށް ރާއްޖެ އަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ޒިޔާރަތްކޮށްފައި ވަނީ 3،702 ޓޫރިސްޓުންނެވެ. މިދިޔަ މަހު ރާއްޖެ އަށް ދުވާލެއްގެ މައްޗަށް 3،902 ޓޫރިސްޓަކު ޒިޔާރަތްކުރި އެވެ.

އަހަރުގެ ފުރަތަމަ ހަ ދުވަހުގެ މި ރެކޯޑްތަކަށް ބަލާ އިރު ފާހަގަކުރެވެނީ މަހުން މަހަށް ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުން މަދުވަމުންދާކަމެވެ. އަހަރުގެ ފުރަތަމަ މަހުގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5،564 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އަދި އަހަރު ފެށުނު ފަހުން ދުވާލެއްގެ މައްޗަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ މަހުގައި އެވްރެޖްކޮށް ދުވާލަކު 6،354 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.

މީގެ އިތުރުން މާޗްގައި ދުވާލަކަށް އެވްރެޖްކޮށް 5،597 ޓޫރިސްޓުން ޒިޔާރަތްކުރި އިރު، އެޕްރީލްގައި އެ ނިސްބަތް އުޅުނީ ދުވާލަކަށް 5،479 ގަ އެވެ.

އަހަރު ފެށުނު ފަހުން މި މަހުގެ 21 އާ ހަމައަށް ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ ޖުމްލަ 886،978 ޓޫރިސްޓުންނެވެ.

ރާއްޖޭގެ ގަދަ 10 މާކެޓަށް ބަލާ އިރު، މިހާރު އެއް ވަނައިގައި އޮތީ އިންޑިއާ އެވެ. އެއީ 104،975 ޓޫރިސްޓުންނާ އެކީގަ އެވެ. ކުރިން އެއް ވަނައިގައި އޮތް ރަޝިއާ ދެވަނައި އޮތީ 104،802 ޓޫރިސްޓުންނާ އެކީގަ އެވެ. އިނގިރޭސިވިލާތް ތިން ވަނަގައި އޮތީ 77،840 ޓޫރިސްޓުންނާ އެކީގަ އެވެ.

ގަދަ 10 މާކެޓްގައި ދެން ހިމެނެނީ ޖަރުމަން (64،273 ޓޫރިސްޓުން)، އިޓަލީ (63،131 ޓޫރިސްޓުން)، ޗައިނާ (57،432 ޓޫރިސްޓުން)، އެމެރިކާ (36،827 ޓޫރިސްޓުން)، ފްރާންސް (30،045 ޓޫރިސްޓުން)، ސްވިޓްޒަލޭންޑް (19،651 ޓޫރިސްޓުން) އަދި ދެކުނު ކޮރެއާ (16،718 ޓޫރިސްޓުން) އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 1.9 މިލިއަން ޓޫރިސްޓިން ގެނައުމެވެ. މިދިޔަ އަހަރު 1.6 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކުރި އެވެ.