ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ހައްދަވަނީ ގޯސް މައްޗަށް ގޯސް ކަމަށާއި މިހާރު ރަނގަޅު ވާނީ "ގެއަށް ކަނޑާލުން" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމްގެ ފާޑުކިޔުން ރައީސަށް އަމާޒުކޮށްފައި މިވަނީ ގާސިމްގެ ވިލާ ކުންފުނިން ވިއްކަން އުޅުނު ކ. ވާވެއްދިފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައިވާ ދަނޑިވަޅެއްގަ އެވެ. އޭސީސީން ވާވެއްދިފަޅު ވިއްކުން ހުއްޓުވީ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ. މިއީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ މި މައްސަލައިގެ އިތުރު ތަފްސީލެއް އޭސީސީން ހާމަކޮށްފައެއް ނުވެ އެވެ.
ޖޭޕީން މިއަދު ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި "މަރުތަޅު" އެޅުވުމުގެ ޒިންމާ ރައީސް ސޯލިހު ނަންގަވަންޖެހޭނެ ކަމަށާއި އެކަން ކުރީ ސީދާ ރައީސް ސޯލިހު ނިސްބަތްވެވަޑައިގަންނަވާ ޕާޓީން ކަމަށެވެ. އަދި މަޖިލިސް "މަރުތަޅު" އަޅުވާފައި ނުބޭއްވޭނެ ކަމަށާއި "ހިތި ބޭސް" ވެސް ރައީސް ފަރިއްކުޅުއްވަންޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ބާރުގައި ހުންނަވާށޭ ކިޔައިގެން އެހެން ކަންތައްތަކެއް ނުކުރެވޭނެ، ކުރެއްވީމަ ރަނގަޅެއް ނުވާނެ. މިހާރު މަނިކުފާނު ތި ހައްދަވަނީ ގޯސް މައްޗަށް ގޯސް. ޅަ އިހަލުން ހަރު އެއްޗެއްހި އަޅަމުން ގޮސް މިހާރު ދެން ނެތް ގޮބޮޅި ވެސް ނާޅާ. ހުރިހާ އެއްޗެއް އަޅާ ނިމެނީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައީސް އިތުރު ދައުރަކަށް ކުރިމަތިލެއްވުމުގެ މާނައެއް ވެސް މިހާރު ނެތް ކަމަށާއި ރައްޔިތުންނަށް މިއަދު ކަންކަން ވަރަށް ސާފުވެފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ނިމިފައިވާ މައްސަލައެއް ހުއްޓުވުމުގެ ބާރު ރައީސަށް ވެސް ނޯންނާނެ ކަމަށާއި މިވަރުގެ ޖަރީމާ ހިންގުމަކީ އެއްގޮތަކަށް ވެސް ކަމުދާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"އިޓް އިޒް ޓޫ މަޗް. އިޓް އިޒް މޯ ދޭން އިނަފް. ޔޫ ހޭވް ޓު ގޯ ބެކް. މިހާރު ދާންވީ، ކަނޑާލަންވީ ގެއަށް. ވަރަށް ސާފުކޮށް މި ބުނީ. މިހާރު ކަނޑާލަންވީ ގެއަށް،" ރައީސަށް ހޫނު ބަސްތަކެއް އަމާޒު ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.
މި ވާހަކަތައް ދެއްކުމުން މާދަމާ ފުލުސް އޮފީހަށް ގެންގޮސް ތާށި ކުރުމަކީ ވެސް އެކަށިގެންވާ ކަމެއް ކަމަށާއި ސަރުކާރުތަކަށް އެމަނިކުފާނު ޖަލަށް ނުލައި ފަރުނުޖެއްސޭ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. އަދި މިކަހަލަ ވާހަކަތައް ދައްކަން ބައެއް ފަރާތްތަކުން ބިރުގަންނަނީ ކަމަށާއި ނަމަވެސް އެމަނިކުފާނު ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދޭނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.