އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢު ދަށުން މަރަދޫ އަދި މަރަދޫ-ފޭދޫގެ ބިން ހިއްކައި ނިންމައި، ހިތަދޫ ޒޯން 2 ގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.
އައްޑޫސިޓީ މަރަދޫ އަދި މަރަދޫ ފޭދޫ އަވަށުގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. މިމަސައްކަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ ރައީސް އިބްރާޙިމް މުހައްމަދު ސާލިޙްއެވެ. މިމަސައްކަތުގެ ދަށުން މަރަދޫ އަދި މަރަދޫ-ފޭދޫގެ އެއްފަސްވެފައިވާ ދެ އަވަށުގެ ބިމަށް 76 ހެކްޓަރުގެ ބިން އިތުރުކޮށް ވަނީ ހިއްކާފައެވެ. މިމަސައްކަތް އެއްކޮށް ނިންމާލުމަށް ގާތްގަނޑަކަށް 3 ހަފްތާ ވަނީ ހޭދަވެފައެވެ.
މަރަދޫ އަދި މަރަދޫ ފޭދޫ ބިން ހިއްކުމުގެ މަސައްކަތް ނިމިގެން ދިޔައިރު، މިމަސައްކަތް ފެށުމަށް ބޭއްވި ރަސްމީއްޔާތުގައި އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ވަނީ އަންނަ އޯގަސްޓް މަހު ބިން ބޭނުން ކުރާނެ ގޮތުގެ ލޭންޑް ޔޫޒް ޕްލޭން ހެދުމުގެ މަސައްކަތް އޯގަސްޓް މަހު ފަށާނެ ކަމަށް ބުނަފައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ބިން ޕްލޭންކޮށްގެން މަރަދު އާއި މަރަދޫފޭދޫގެ ރައްޔިތުންނަށް ބިން ބޭނުން ކުރުމަށްޓަކައި ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ހުށަހަޅައި މަސައްކަތް ފެއްޓުމަށް ހުޅުވައިލާނެ ކަމަށެވެ.
މަރަދޫ އަދި މަރަދޫ-ފޭދޫގެ ބިން ހިއްކައި ނިމުމާއި އެކު މިހާރު ހިތަދޫ ޒޯން 2 ބިން ހިއްކުމުގެ މަސައްކަތް ވެން އޫޑް ކުންފުނިން މިހާރު ވަނީ ފަށާފައެވެ. ހިތަދޫ ޒޯން 2 އަކީ ހިތަދޫ ޕޯޓް ލިމިޓެޑުގެ ދެކުނުން ހިއްކާ ސަރަހަދެވެ. މި ސަރަހައްދުން 40 ހެކްޓަރު ބިން ހިއްކަން ވަނީ ހަމަޖެހިފައެވެ. މި ސަރަހައްދު ހިއްކުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ސަރަހައްދު ގިރައިގެންދިއުމާއި އެކު ހިމާޔަތް ކުރުމެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢު ޓައިމް ލައިނާއި އެއްގޮތަށް ނިންމާލެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މިމަޝްރޫޢުއަކީ އައްޑޫގައި މިވަގުތު އެންމެ ހަލުވި މިނެއްގައި ކުރިއަށްދާ އެއް މަޝްރޫޢު ވެސް މެއެވެ.