ކުރިން ބުނި ގޮތަށް ށ. ފޭދޫ ފުޓުބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ކުރިއަށް ނުދާތީ އެކަމާ ހިތްހަމަނުޖެހިގެން ރަށުގެ ޒުވާނުންތަކެއް ދަނޑުގައި ފަތްކެޔޮ ގަސް އިންދައިފި އެވެ.
އެ ރަށު ކައުންސިލުން ބުނީ އެކަން ކުރިކަން އެނގުނީ މިއަދު ހެނދުނު ކަމަށެވެ. ފަތްކެޔޮ ގަހުގެ އިތުރުން ދަނޑުގައި ފަޅޯ ގަސްތަކެއް ވެސް އިންދާފައިވެ އެވެ.
ކައުންސިލުން ބުނީ ރަށުގައި ހަދަން ބުނި ދަނޑުގެ މަސައްކަތް ކުރިއަށް ނުގޮސް އެކަން ލަސްވާތީ ކައުންސިލުން ވަރަށް ކަންބޮޑުވާ ކަމަށާއި ރަނގަޅު ފެންވަރެއްގެ ދަނޑެއް ލިބުމަކީ ޒުވާނުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އަދި ފޭދޫގައި ޒަމާނީ ހަދައި ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު 2018 ގެ ކެމްޕޭންގެ ތެރޭގައި ވެވަޑައިގެންނެވި ވައުދެއް ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ފޭދޫ ފުޓުބޯޅަދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއު މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ތެރޭގައި ފެށި އެވެ. އެ މަސައްކަތް ނުވަ މަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރީ ޓީއޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންއާ އެވެ. އެެކަމަކު ބައެއް ސަބަބުތަކާ ހެދި އޮތީ ހުއްޓިފަ އެވެ.