މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންގެ ލިސްޓް ސަރުކާރުން އާންމުކުރި އިރު، ގޯތި ލިބުނު މީހުންގެ ތެރޭގައި ބިދޭސީންތަކެއް ވެސް ހިމެނޭތީ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓަށް އާދަޔާހިލާށް ބަލަން ޖެހޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ގޯތި ލިބުނު މީހުންގެ ލިސްޓްގައި އިންޑިއާގެ ބަޔަކު ހިމެނޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު ވަނީ މި ސަބަބާ ހުރެ ވޯޓާސް ލިސްޓްގައި ވެސް ބިދޭސީންތަކެއް ތިބެދާނެ ކަމަށް މިހާރު ބަލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
"މިވަރުވީމަ ވޯޓާސް ލިސްޓަށް އާދަޔާހިލާފަށް ބަލަން ޖެހޭ. މި ފަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހިފާފައި މި ހުރީ ދިވެހި ރައްޔިތުންގެ ބަހެއް ނެތި ގައުމުގެ ކަންކަން ނިންމަން." ޝިޔާމު ވިދާޅުވި އެވެ.
Mivaruveema Voters List aadhaya khilaafah balan jehey. Mifaharu @ibusolih hifaafa mihuree Dhivehi Rayyithunge baheh nethi qaumuge kankan nimman. Dhivehinnah nulibi bidheyseenah Dhivehi bimun khaassakoh gina adhadhehge India meehunah goathi libunu gotheh balanjehey @ACC_Maldives https://t.co/7dbBOGUtxI
— Ahmed Shiyam (@Shiyamaldives) June 28, 2023
"އިންޑިއާ އައުޓް" ގެ ނަމުގައި ރާއްޖޭގައި ހިންގާ ހަރާކާތްތަކުގައި އިސްކޮށް އުޅުއްވާ ޝިޔާމު ވިދާޅުވި ދިވެހިންނަށް ބިން ނުލިބި އިންޑިއާ ބަޔަކަށް ދިވެހި ބިމުން ގޯތި ލިބުނު ގޮތް ބަލަން ޖެހޭ ކަމަށެވެ.
"ހާއްސަކޮށް ގިަނ އަދަދެއްގެ އިންޑިއާ މީހުންނަށް ގޯތި ލިބުނު ގޮތެއް ބަލަން ޖެހޭ." އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ޓެގް ކުރައްވައި އޭނަ ވިދާޅުވި އެވެ.
ސަރުކާރުގެ "ބިންވެރިޔާ" ޕްގްރާމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންގެ ފުރަތަމަ ލިސްޓް އާންމުކުރީ މިދިޔަ ބުދަ ދުވަހު އެވެ. އެ ލިސްޓްގައި 10،000 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. އަދި އޭގެ ތެރޭގައި އިންޑިއާގެ މީހަކު ހިމެނޭކަން މީޑިއާތަކުން ސަމާލު ކަމަށް ގެނައުމުން ޕްލޭނިން މިނިސްޓްރީން ވަނީ އެެއީ އޮޅުމަކުންވެފައި އޮތް ކަމެއް ކަމަށާއި ދާއިމީ ލިސްޓުން ނަން އުނިކުރާނެ ކަމަށް ބުނެފަ އެވެ.
ނަމަވެސް ލިސްޓްގައިވާ ގޮތުން ގޯތި ލިބުނު މީހުންގެ ތެރޭގައި 10 ބިދޭސީއަކު ހިމެނެ އެވެ. އަދި އެ މީހުންގެ ތަފުސީލު ބައެއް މީހުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.