ވިލިމާލެ އިން ގެއްލިގެން ހޯދާ އަންހެން މީހާ އަކީ ކުރީގެ ފިލްމީ ތަރި އާތިފާ އަބްދުﷲ އެވެ.
ފުލުހުން މިއަދު ބުނީ އުމުރުން 53 އަހަރުގެ އާތިފާ އެންމެ ފަހުން ފެނިފައި ވަނީ ރޭ 10:25 އެހާކަހާ އިރު އޭނާ އުޅެމުން އަންނަ ގެއިން ކަމަށެވެ. އޭރު އޭނާ ލައިގެން ހުރީ ފެހިކުލައިގެ ހެދުމަކާއި އަޅައިގެން ހުރީ ފިޔާތޮށި ޝޯލެއް ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.
ނަމަވެސް އޭގެ ފަހުން އާތިފާގެ ޚަބަރެއް ނުވެގެން އާއިލާ އިން ރިޕޯޓްކުރުމުން އޭނަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ 9790083 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން އެދިފައިވެ އެވެ.
ފުލުހުން މީގެ ކުޑަ އިރުކޮޅެއް ކުރިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އާއިލާ މީހަކަށް ވިލިމާލޭ ފިހާރައެއްގެ ނަމްބަރަކުން އާތިފާ ގުޅިކަމަށް އާއިލާ އިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންވެ އެއީ އާތިފާކަން ކަށަވަރު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުން ކަމަށެވެ.
އާތިފާ އަކީ 1990 ގެ ފިލްމު "ލޯބީގެ ތޫފާން" ގެ ބަތަލާ އެވެ. އޭނަ ނަރުހެއްގެ ރޯލު ކުޅުނު އެ ފިލްމުގެ ބަތަލަކީ ރީކޯ މޫސަ މަނިކެވެ. "ލޯބީގެ ތޫފާން" އަކީ މަހުމާ ހުސައިން ރަޝީދު ޕްރޮޑިއުސްކޮށް، މުހައްމަދު ރަޝީދު (ދޮންއަންނާރޭ) ޑައިރެކްޓްކުރި އެއްޗެކެވެ.
ދާދި ފަހުން ޖުމްހޫރީ ޕާޓީން ވަކިވެ، އެމްޑީޕީއާ ގުޅުނު ވަލީދާ ވަލީދު ވެސް އެ ފިލްމުގެ މުހިއްމު ރޯލެއް ކުޅުނެވެ.
"ލޯބީގެ ތާފޫން" ގެ އިތުރުން ބައެއް އެހެން ފިލްމުތަކުގައި ވެސް އާތިފާ މަސައްކަތްކޮށްފައިވެ އެވެ.