ޕީޕީއެމާއީ ޕީއެންސީގެ ސަޕޯޓަރުން ހިތަށް ތަދުވާ ވަރުގެ ކަމެއް އެ ޕާޓީތަކުން ނުކުރާނެ ކަމަށް ބުނެފި އެވެ.
އެ ކޯލިޝަނުން މިހާރު ދަ ޑިމޮރެޓްސްއާ އެކީ ކުރަމުންދާ މަޝްވަރާތަކާ ގުޅިގެން އުފެދިފައިވާ ބައެއް ނުތަނަވަސްވުންތަކާ ހެދި ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމާއި ޕިއެންސީން އެ ޕާޓީތަކުގެ އަސާސްތަކާ ހިލާފު ކަމެއް ނުކުރާނެ ކަމަށެވެ.
"ސަޕޯޓަރުންގެ ހިތަށް ތަދުވާވަރުގެ ކަމެއް ނުކުރާނެ. ޕާޓީގެ އަސާސްތަކާ ހިލާފު ކަމެއް ނުކުރާނެ،" އޭނަ ވިދާޅުވި އެވެ. "ވަސްވާސް އުފައްދަން ޖާގައެއް ނުދޭނަން. އުންމީދާއި ސާބިތުކަމާއި އިތުބާރާ އެކީ ތިއްބަވާ."
އާދަމް ޝަރީފު ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ އަމާޒު ވެސް ވަރަށް ސާފު ކަމަށާއި ފޯކަސް ހުރީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަބްދުﷲ ޔާމީން މިނިވަންކޮށް، އިންތިހާބުގައި ވާދަކުރަން ކަމަށެވެ.
"އިންތިހާބު ކާމިޔާބުކޮށް ދިވެހިންގެ ވެރިކަމެއް ކުރާނެ." އޭނަ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ބާއްވަން މިހާރު ދޮޅު މަހެއްހާ ދުވަހަށް ގާތްވި އިރު ވެސް ޔާމީން ޖަލުން މިނިވަންވާނެކަމުގެ އެއްވެސް ކުލަވަރެއް އަދިއެއް ނެތެވެ. އެކަމަކު ޕީޕީއެމާއި ޕީއެންސީން ސަޕޯޓަރުންނަށް ހުއްޓުމެއް ނެތި، އެއް ރާގެއްގައި ޔަގީންކަން ދެނީ ޔާމީން މިނިވަންވާނެ ކަމަށާއި އިންތިހާބުގައި ވާދަކުރައްވައި އެއްބުރުން ކާމިޔާބު ވެސް ކުރައްވާނެ ކަމަށެވެ. އަދި މިހާރު ޔާމީނަށް ތާއީދު ހޯދަން މާލޭގައި މިއަދުން ފެށިގެން ދޮރުންދޮރަށް ހިނގުމުގެ ހަރަކާތްތަކެއް ފަށަން ވަނީ ނިންމައިފަ އެވެ.
ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުިން ގެންދަވާ އިރު، ޕީޕީއެމް/ޕީއެންސީން ޑިމޮކްރެކްޓްސްއާ އެކީ ކުރާ މަޝްވަރާތަކުގައި ގުޅިފައިވާ ކެންޑިޑޭޓެއް އިންތިހާބަށް ނެރުމުގެ ބަހުސްތަކެއް ވެސް ފެށި، އެކަމުގެ ދިލަ ވެސް ޕީޕީއެމްގެ ތެރޭގައި މިހާރު އެބައޮތެވެ.
ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.