އައްޑޫ ހިތަދޫގެ ފުޓްބޯޅަ ސްޑޭޓިއަމް ކައިރީގައި ހަދަން ފެށި ގޮތަށް ހުއްޓިފައި އޮތް ފުޓްސަލް ދަނޑު ހަދާނެ ބަޔަކު ހޯދަން އަލިން ބީލަމަށް ހުޅުވާލައިފި އެވެ.
މި މަސައްކަތް ފުރަތަމަ ބީލަމަށްލީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ އަލުން ބީލަމަށް ހުޅުވައިލީ ކުރިން ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ ކަމަށެވެ.
ސްޓޭޑިއަމް ފުޓްސަލް ދަނޑުގެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވަނީ މި މަހުގެ 18 އާ ހަމައަށެވެ. މިކަމާ ގުޅޭ ޑޮކިއުމަންޓް ވިއްކަން ހަމަޖެހިފައި ވަނީ މި މަހުގެ 6 އާ ހަމައަށް ކައުންސިލް އިދާރާއިންނެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ 300ރ. އެވެ.
ކައުންސިލުން ބުނި ގޮތުގައި ސްޓޭޑިއަމްގެ އިރު ދެކުނުގައި އޮތް ދަނޑު ހަދައިދޭން ޝައުގުވެރިވެ، ބިޑް ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000ރ. ހުށަހަޅަން ޖެހޭނެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ 120 ދުވަހެވެ.
މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 9 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.
ހިތަދޫ ސްޓޭޑިއަމް ފުޓްސަލް ދަނޑު ހަދާނެ ބަޔަކު ހޯދަން ދެވަމަ ފަހަރަށް ބީލަމަށްލި އިރު، އެ ދަނޑު ބޭނުން ކުރަމުން އައި ހިތަދޫ އެފްސީ ސްޕްރިންޓުން ވަނީ ދަނޑު ނަހަދައިގެން މިދިޔަ އަހަރުގެ ތެރޭގައި ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އެ ކުލަބުން ބުނެފައި ވަނީ ދަނޑު ހަދަން ފެށީ 2016 ގައި ކަމަށާއި އޭގެ ފަހުން އެތައް އަހަރެއްވީ އިރު ވެސް އެތަނުގައި އެއްވެސް މަސައްކަތް ކުރެވެމުން ނުދާ ކަމަށެވެ.
ސްޕްރިން ބުނި ގޮތުގައި ދަނޑު އެއްވަރުކޮށް، ފަސް އަޅައި ލައިޓް ޖެހި ނަމަވެސް އެ ދިއްލޭނެ އިންތިޒާމެއް ހަމަޖައްސާފައި ނެތުމުގެ އިތުރަށް ދަނޑު އޮތީ ވަރަށް ބޮޑަށް ވިނަ ވެސް ފަޅައި ބޭނުން ނުކުރެވޭ ފަދަ ހާލަތެއްގަ އެވެ.