ނުރައްކަށް ހުށަހެޅިފައި އޮތް އެމޭޒަން ޖަންގަލީގެ ހިމާޔަތަށް ބްރެޒިލް އިން ކުރާ މަސައްކަތްތަކަށް ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ލިއޮނާޑޯ ޑި ކެޕްރިއޯ މާލީ ގޮތުން އެހީވާން ނިންމައިފި އެވެ.
ކްލައިމެޓް ޗޭންޖާ ދެކޮޅަށް "ޓައިޓޭނިކް" ގެ ތަރި ހިއްސާވެގެން 2021 ގައި އުފެއްދި "ރީ:ވައިލްޑް" ގެ ދަށުން މިހާތަނަށް ތިމާވެށީގެ އެކި މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ. އެގޮތުން މި ފަހަރު އެމޭޒަންގެ ހިމާޔަތަށް އެހީވުމުގެ ގޮތުން އެމެރިކާގެ މަޝްހޫރު މަހުޖަނު، ޖެފް ބެޒޯސް ގުޅިގެން 200 މިލިއަން ޑޮލަރު ހަދިޔާކުރަން ވަނީ ނިންމައިފަ އެވެ.
މަޝްހޫރު އޮންލައިން ފިހާރަ އެމެޒޯންގެ ބާނީ ބެޒޯސް އަކީ ވެސް އޭނަގެ "އާތު ފަންޑް" ގެ ދަށުން ތިމާވެއްޓާ ގުޅުން ހުރި މައްސަލަތަކާ ދެކޮޅަށް ކުރެވޭ މަސައްކަތަކަށް އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ މީހެކެވެ.
އެމޭޒަންގެ ހިމާތަށް ހާއްސަކޮށްގެން ޕްރޮޓެކްޓިން އަވަ ޕްލެނެޓް (ޕޮޕް) ގެ ނަމުގައި ބްރެޒިލް އިން އަންނަނީ މަސައްކަތްތަތަކެއް ކުރަމުންމުންނެވެ. އެގޮތުން އެމޭޒަން ޖަންގައްޔާއި އެތަނުގެ ދިރުންތައް ހިމާޔަތްކޮށް، ރައްކާތެރިކުރަން މަސައްކަތްތަކެއް އަންނަނީ ކުރެވެމުންނެވެ.
ލިއޮނާޑޯ އާއި ބެޒޯސް ގުޅިގެން އެމޭޒަންގެ ހިމާޔަތަށް ދޭން ނިންމި 200 މިލިއަން ޑޮލަރަކީ ޕޮޕް އަށް މިހާތަނަށް އަމިއްލަ ފަރާތްތަކުން ލިބޭ އެންމެ ބޮޑު އެހީ އެވެ. ބެޒޯސް އަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރެއިން އެކެކެވެ. އޭނަގެ މިލްކިއްޔާތު 190 ބިލިއަން ޑޮލަރަށް އަރަ އެވެ.