ހައުސިން މިނިސްޓްރީ އަށް ބަންޑާރަ ގޯތި ދޫކުރެވޭނެ ހައިސިއްޔަތެއް މިހާރަކު ނެތް ކަމަށް ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދައިދޭން ސަރުކާރުން ފަށާފައި އޮތް "ބިންވެރިޔާ" ގެ ދަށުން ބަމްޑާރަ ގޯތި ލިބުނު ބައެއްގެ ލިސްޓް ވެސް މިނިސްޓްރީން އާންމުކޮށްފައި ވަނިކޮށް މުއިއްޒު ކުރެއްވި ޓްވީޓެއްގައި ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ ގާނޫނުގެ މާއްދާއަކާ ހަވާލާދީ ދެއްވައި ވިދާޅުވީ މިނިސްޓްރީ އަށް ގޯތި ދޫކުރެވޭނެ ހަމައެއް ނެތް ކަމަށެވެ.
އޭނަ ހަވާލާ ދެއްވި މާއްދާގައި ބުނެފައި އޮންނަނީ ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތް ކުރުމަށް އެކަށައަޅާ ބިމުން ދިރިއުޅުމަށް ގޯތި ދޫކުރާނީ މިނިސްޓްރީން ކަނޑައަޅާ އާންމުކޮށް ޝާއިއުކުރާ އުސޫލުތަކާއި ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުން ކަމަށެވެ.
އެ މާއްދާގައި އެހެން އޮތް ނަމަވެސް މާލެ ސަރަހައްދުން ގޯތި ދޫކުރުމާ ގުޅޭ އެއްވެސް ކަމެއްގައި މިނިސްޓްރީން މާލެ ސިޓީ ކައުންސިލުން ބައިވެރިއެއް ނުކުރެ އެވެ. އަދި އެކަމުގައި ކައުންސިލްގެ އެއްވެސް ހިއްސާއެއް ވެސް ނެތެވެ.
ގޯތި ލިބުނު މީހުންގެ ލިސްޓް މިނިސްޓްރީން އާންމުކުރީ މިދިޔަ ބުދަ ދުވަހު އެވެ. ގޯތި ލިބޭ މީހުންގެ އަދަދު 10،000 އަށް ވުރެ ގިނަ އެވެ. ސަރުކާރުން ބުނީ އަންނަ މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރަން ފަށާނެ ކަމަށެވެ.