ހުޅުމާލެ ހޮސްޕިޓަލުގެ އައިސީޔޫ އަދި އެންއައިސީޔޫ ތަރައްްޤީ ކުރުމުގެ މަސައްކަތް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން، އެސްޓީއޯއާއި ހަވާލުކޮށްފިއެވެ.
މިއަދު އެސްޓީއޯގައި ބޭއްވި ރަސްމީއްޔާތުގައި ހުޅުމާލެ ހޮސްޕިޓަލާއި އެސްޓީއޯއާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ކުރެވިފައެވެ. އެގޮތުން އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ސަޢީދެވެ. ހުޅުމާލެ ހޮސްޕިޓަލުގެ ފަރާތުން ސޮއިކޮށްފައިވަނީ ހޮސްޕިޓަލުގެ ސީއީއޯ މާރިޔާ ސައީދެވެ.
އެއްބަސްވުމުގެ ދަށުން ހޮސްޕިޓަލުގައި މިހާރު ހުރި އައިސީޔޫ އިތުރަށް ތަރައްޤީކޮށް ހޮސްޕިޓަލުގެ، އެންއައިސީޔޫ ތަރައްޤީ ކުރާނެވެ. މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ޚިދުމަތް ދެނީ 17 އައިސީޔޫ އެނދުގައެވެ. ނަމަވެސް މިމަޝްރޫޢު ނިމޭއިރު، އިތުރު 24 އެނދު އިތުރު ކުރެވިގެން ދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއި އެކު މިތަން ތަރައްޤީ ކުރާއިރު އެންއައިސީޔޫވެސް ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރާނެއެވެ. އަދި މި ދެތަނަކީވެސް އިންޓަގްރޭޓް ވެފައިވާ ކަސްޓަމައިޒް ދެ ތަނުގެ ގޮތުގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ. މިއީ ތާޝަރީ ފެންވަރަށް ހޮސްޕިޓަލް ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތައް ލިބުނު ކުރިއެރުމެއް ކަމަށް އެކުންފުނިން ބުނެއެވެ.
STO and @HMH_mv are pleased to announce the signing of an agreement to establish ICU and NICU facilities at Hulhumale Hospital. This significant milestone marks the hospital's progression to a tertiary level institution, enhancing healthcare services for the community. #teamSTO pic.twitter.com/1MBkROke7L
— STO (@stoplc) July 4, 2023
އެސްޓީއޯއިން މިމަޝްރުޢު އާއި ހަވާލުވި އިރު ހުޅުމާލެ ހޮސްޕިޓަލަކީ މިހާރު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ޚިދުމަތް ދެމުން އަންނަ ސަރުކާރު ހޮސްޕިޓަލެވެ. ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތައް ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު ފޭސް 2 ގައި އުޅޭ ފަރާތްތަކަށްވެސް ޚިދުމަތް ދެނީ މި ހޮސްޕިޓަލުންނެވެ. އެހެން ކަމުން ހޮސްޕިޓަލް ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
މީގެ 19 އަހަރު ކުރިން ހިދުމަތްދޭން ފެށި މިހޮސްޕިޓަލްއަށް އެކަށީގެންވާ ފުރިހަމަ ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް، މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަނުގެ ޖާގައިގެ ދަތިކަން ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެހެނަސް މިހާރުވަނީ މިހޮސްޕިޓަލްގައި މެންޓަލް ހެލްތްގެ ހިދުމަތާއި، ކުޑަކުދީން ހެދިބޮޑުވުމުގައި ދިމާވާ ތަފާތު ސިއްހީމައްސަލަތަކަށް ހާއްސަ ފަރުވާ ދިނުމަށް ވަކި ހާއްސަ ސެންޓަރއެއް ޤައިމްކުރެވެރި އަދި ކެންސަރުބަލީގެ ފަރާތްތަކަށް ހިދުމަތް ދިނުމަށް އޮންކޮލޮޖީ ސެންޓަރ ފަދަ ތަފާތު އެކިއެކި އާ ހިދުމަތްތައް ވަނީ ތައާރަފްކޮއްފައެވެ.
އެސްޓީއޯއިން ހުޅުމާލެ ހޮސްޕިޓަލުގެ އައިސީޔޫ އަދި އެންއައިސީޔޫ ތަރައްޤީ ކުރަން ހަވާލުވިއިރު، އެކުންފުނިން ވަނީ އައިޖީއެމްއެޗްގެ ސެންޓްރަލް ސްޓެރެލައިޒޭޝަން ޑިޕާޓްމެންޓުވެސް މީގެ ކުރިން ޤާއިމް ކޮށްދީފައެވެ.