އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އެ ހޮސްޕިޓަލުގެ އެޓެންޑެންޓުގެ ފަންނީ ޤާބިލީއްޔަތުކަން އިތުރު ކުރުމަށް ހާއްސަ ފޮތެއް އެކުލަވައި ނެރެފިއެވެ.
"އެކުވި ފޮތް" ނަމުގައި އެޓެންޑެންޓުންނަށް ހާއްސަކޮށް އިފްތިތާޙްކުރި މި ފޮތަކީ، އެޓެންޑެންޓުންގެ މަސައްކަތުގެ މާހައުލުގައި ޢަމަލު ކުރާނެ ގޮތްތަކާއި، ފަންނީގޮތުން އެނގުން މުހިންމު މައުލޫމާތުތައް ހިމަނާފައިވެއެވެ. މި ފޮތަކީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ނަރުހުންގެ ފަރާތުން އެކުލަވާފައިވާ ފޮތެކެވެ. ފޮތް ލޯންޗުކޮށްދެއްވީ ހޮސްޕިޓަލުގައި ބޭއްވި ރަސްމީއްޔާތެެއްގައި ހޮސްޕިޓަލުގެ ސީއީއޯ ޑރ. މުހައްމަދު ސާލިޙް އެވެ.
Today is a particularly significant day at AEH as we celebrate the launch of a dedicated handbook "Ekuvifoy" for our attendants.
Follow Our Journey!@presidencymv @MoHmv pic.twitter.com/9YEr0pW9Gp
— Addu Equatorial Hospital (@aeh_mv) July 4, 2023
ފޮތް ތަޢާރަފްކުރުމުގެ މައިގަނޑު މަޤްސަދަކީ އެޓެންޑެންޓުންނަށް ހާއްސަކޮށް ދެމެހެއްޓެނިވި ތަމްރީނު ޕްރޮގްރާމުތައް ކޮންމެ އަހަރަކު ހިންގުމެވެ. މި ޕޮރްގްރާމުތަކުގެ ބޭނުމަކީ، އޭއީއެޗްގައި މަސައްކަތް ކުރާ ހުރިހާ އެޓެންޑެންޓުންނަކީ ހެދިފައިވާ ޤަވާއިދުތަކާއި ޕޮލިސީތަކަށް ފަރިތަ އަދި މަސައްކަތުގެ މާހައުލުގައި އެކަން ހިފަހައްޓާ ބަޔަކަށް އެޓެންޑުން ހެދުން ކަމަށް އޭއީއެޗްއިން ބުނެއެވެ. މިގޮތުން ބާއްވާ ފުރަތަމަ ޕްރޮގްރާމު މިމަހުގެ 18 ގައި ފަށާނެ ކަމަށް އޭއީއެޗްއިން ބުނެއެވެ.
"އެކުވި ފޮތް" ފޮތުގައި މައިގަނޑު 25 ބައެއް ހިމެނެއެވެ. އަދި ފޮޓޯތަކާއި އެކު، މައުލޫމާތު ފަސޭހައިން އެނގޭނެ ގޮތަށް ފޮތް އެކުލެވިފައިވެއެވެ. ފޮތުގައި ސިވިލް ސާވިސް ޤަވާއިދުތަކާއި އަދި ބަލިމީހުންނާއި ވާހަކަ ދެއްކުމުގެ އަދަބުތަކާއި ގުޅޭ ގިނަ މައުލޫމާތުތައް ހިމެނެއެވެ. މިއީ އެޓެންޑެންޓުންނަށް ހާއްސަކޮށްގެން ރާއްޖޭގެ ތަޢާރަފް ކުރެވެނު ފުރަތަމަ ފޮތް ކަމަށްވެސް އޭއީއެޗްއިން މައުލޫމާތު ދެއެވެ.