އައްޑޫގެ ފަހުގެ ތާރީޚުގައި އަތޮޅަށް ކަމެއް ކޮށްދެވޭތޯ އެންމެ ބޮޑު
ހިތްމަތަކާއި މިންނަތެއް ކުރި އައްޑޫގެ ދަރިޔަކީ ހިތަދޫ މުހައްމަދު
ސައީދެވެ. މުހައްމަދު ސައީދުވަނީ ހަގީގީ މާނައިގައި އައްޑު
އަތޮޅަށްޓަކައި ގުރުބާނީތަކެއް ވެފައެވެ. ސައީދުގެ އެރުމާއި ވެއްޓުމާއި
ނެތިދިޔުމަކީ ކޮންމެ ގޮތަކަށް ވިސްނިކަމުގައިވިޔަސް އައްޑު އަތޮޅާއި
އެއަތޮޅުގެ ރައްޔިތުންނަށް ވަރަށް މުހިއްމު ފިލާވަޅެކެވެ. އެހެންކަމުން
މުހައްމަދު ސައީދުގެ ހަޔާތާއި އައްޑު އަތޮޅުގެ ތާރީޚުން ބައެއް މިތާގައި
ނަކަލުކޮށްލުމަށް ގަސްތުކުރަމެވެ.
ގަމުގައި އިނގިރޭސީން ތިބި ދުވަސްވަރު މުހައްމަދު ސައީދަކީ ގަމުގައި
ގާއިމުވެ ހުންނަ ދިވެހީންގެ ލެއިޒަން އޮފިސަރެވެ. ދިވެހީންނަށް ވަޒީފާ
ދިނުމާއި ވަޒީފާއިން ވަކިކުރުމާއި ދިވެހިންގެ ޝަކުވާތައް ބެލުމާއި
މިހެންގޮސް ދިވެހިންނާ ގުޅޭ ހުރިހާ ކަމެއްގެ އެންމެ އިސްމީހަކީ
މުހައްމަދު ސައީދެވެ. މިޒަމާނުގެ ގޮތަށް ކިޔާނަމަ އެއީ ހިއުމަން ރިސޯސަސް
މެނޭޖަރެވެ. މިހެންވުމުން އައްޑު އަތޮޅުގައި މުހައްމަދު ސައީދަކީ ފިސާރި
މީހެކެވެ. އޭރުގެ ބައެއް މީހުން ހީކުރާގޮތުގައި މުހައްމަދު ސައީދު
ހުންނަވަނީ ރާނީއަށްވުރެވެސް މަތީގައެވެ.
މައުމޫން އަބްދުލްގައްޔޫމް ދިވެހިރާއްޖޭގެ ރައީސްކަމަށް ވަޑައިގެންނެވީ
ގަމުން އިނގިރޭސިން ފޭބިތާ ދެތިން އަހަރެއް ފަހުންނެވެ. އިނގިރޭސިން
ގަމުން ފޭބުމުން ލާރިފޮތިފޮތި ހުރި މީހުން ހިޖުރަކުރީ މާލެއަށެވެ.
އެކިކަހަލަ މަސައްކަތް ދަސްވެފައިތިބި މީހުންވެސް ހިޖުރަކުރީ މާލެއަށެވެ.
ނާސިރަކީ އައްޑޫ މީހުންދެކެ ނަފްރަތުކުރި ވެރިއެކެވެ. އެހެންވެ އައްޑޫ
މީހުންވެސް ނާސިރުދެކެ ފޫހިވެއެވެ. ނާސިރަށްފަހު އާވެރިޔަކު
ވަޑައިގެންނެވުމުން އާވެރިޔާއަށް އައްޑޫ ރައްޔިތުން މަރުހަބާކިޔާފައިވަނީ
ހުޅުވިފައިވާ ހިތަކުންނެވެ. މުހައްމަދު ސައީދަކީ އޭރު އައްޑޫގައި އެންމެ
ބަސްވިކޭ އެއްލީޑަރު ކަމަށްވުމުން މުހައްމަދު ސައީދު މަސައްކަތްކުރީ އާ
ސަރުކާރާ ގުޅިގެން އައްޑު އަތޮޅަށް ކަމެއް ކޮށްދެވޭތޯއެވެ. އެކަމުގެ
އެންމެ ކުރީސަފުގައި ހުރީ ހަމަ މުހައްމަދު ސައީދެވެ.
އާ ރައީސް މައުމޫން އަބްދުލްގައްޔޫމް އެންމެ ފުރަތަމަވެސް ބެއްލެވީ
އޭނާގެ ވެރިކަން ކޮންސޮލިޑޭޓް ކުރެއްވޭތޯއެވެ. އައްޑޫއަކީ މާލެފިޔަވައި
އެންމެ ބައިބޯ އަތޮޅުކަމަށްވެފައި ވެރިކަމާ ދެކޮޅު ހެދުމުގެ ސަގާފަތެއް
އެންމެބޮޑަށް އޮތީވެސް އައްޑޫގައި ކަމަށްވުމުން އައްޑޫގެ ތާއީދު
ހޯއްދެވުމަށް މައުމޫން ވަރަށް ބޮޑު އިސްކަމެއް ދެއްވިއެވެ. ވިލިގިލީގައި
ރިސޯޓެއް ހެދުމުގެ ވާހަކަ ދައްކަންފެށީ މިކަމުގެ ތެރެއިންނެވެ. ގަމުގެ
އެއަރފީލްޑް ފެންވަރުގެ އެއަޕޯޓަކަށް ހެދުމުގެ ހުވަފެން ދައްކަން ފެށީ
އެހިސާބުންނެވެ. މިކަންކަމަކީ މުހައްމަދު ސައީދުގެ ވެސް ތަސައްވުރު
ކަމަށްވުމުން އައްޑޫގައި މައުމޫންގެ ލީޑަރޝިޕް މާކެޓް ކޮށްދިނުމަށް
އެންމެ މުހިއްމު ދައުރެއް އަދާކުރީ ހަމަ މުހައްމަދު ސައީދެވެ.
އައްޑޫން މާލެއަށް ހިޖުރަކުރި ހުޝިޔާރު ބައެއްމީހުން އޭރު އަވަދިނެތި
އުޅުނީ އެއްލާރި ދެލާރިއަށް ހެދޭތޯއެވެ. އެކަމުގައި ހޭބޯނާރައި
އުޅުނުއިރު އަތޮޅާ ދޭތެރޭ ފިކުރު ހިންގޭވަރެއް ނޫނެވެ. އެކަމަކު
މުހައްމަދު ސައީދުގެ ވިސްނުން ތަފާތެވެ. މައުމޫންގެ ސަރުކާރުން މާލޭގައި
ވިޔަފާރި ކުރުމުގެ ހުރިހާ ފުރުސަތެއް މުހައްމަދު ސައީދަށް
ތަނަވަސްކޮށްދިނުމާއެކުވެސް މުހައްމަދު ސައީދުގެ ފިކުރު ގުޅިފައި
އޮންނަނީ އައްޑު އަތޮޅާއެވެ. މުހައްމަދު ސައީދު ގަބޫލުކުރީ އަތޮޅު
ތަރައްގީކުރުމުގައި މައުމޫންގެ ސަރުކާރުގެ ނިޔަތް ސާފު ކަމަށެވެ.
އެހެންކަމުން މާލެއަށް ވުރެ ގިނައިން މުހައްމަދު ސައީދު އުޅެމުން އައީ
އައްޑޫގައެވެ.
މުހައްމަދު ސައީދަކީ އައްޑު އަތޮޅުގައި ކިހާވަރެއްގެ މީހެއްކަން މައުމޫނު
ދެނެވަޑައިގަންނަވައެވެ. އެހެންވެ މުހައްމަދު ސައީދު އައްޑޫގައި
ހުންނެވިޔަސް ދެފަރާތުން ހަދިޔާބަދިޔާ ބަދަލުކުރުން އިންތިހާއަށް
އޮވެއެވެ. ސެނެކާ ފްލައިޓަކަށް ވިޔަސް އަދި ފޮށިގަނޑު ފްލައިޓަކަށް
ވިޔަސް ތީމުގޭން ކޮންމެވެސް ވެދުމަކާއިގެން ނޫންގޮތަކަށް ގަމުގެ
އެއަޕޯޓަށް ފުލައިޓެއް ތިރިނުކުރާކަމަށް ވެއެވެ. މުހައްމަދު ސައީދު
މާލެއަށް ވަޑައިގެންފިނަމަ ތީމުގޭ ފެންޑާގައި އޮންނަނީ އައްޑޫ ތަރައްގީ
ކުރުމާ ގުޅޭ މަޝްވަރާތަކެވެ. ގަމުގައި ގާމެންޓް ފެކްޓަރީތަކެއް
ގާއިމްކުރެވުނީވެސް މުހައްމަދު ސައީދު ދޫނުކުރައްވައި ކުރެއްވި
އާދޭސްތަކުންނެވެ. ކޮންމެއަކަސް މައުމޫނަށް އައްޑޫން ސަތޭކަ ޕަސެންޓް
ވޯޓު ޔަގީންވަންދެން މިކަން މިމަގުން ކުރިއަށް ދިޔައެވެ.
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ގޮނޑިއަށް ރައްޔިތުން މުހައްމަދު ސައީދު
ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން އިންތިޚާބު ކުރިއެވެ. އެއީވެސް
މުހައްމަދު ސައީދުއަކީ އައްޑޫގައި ކިހާވަރެއްގެ މީހެއްކަން މައުމޫންގެ
ސަރުކާރަށް މޭރުންވާން މެދުވެރިވި ސަބަބެކެވެ. މުހައްމަދު ސައީދުގެ
ދުލުން މެދުނުކެޑި އިވެމުންދިޔަ އައްޑޫ ތަރައްގީކުރުމުގެ ލަވަ
ހުއްޓުވައިލެވޭތޯ އަދި ސައީދު ވިޔަފާރީގެ ތެރޭގައި ފުލްކޮށް
ޝާމިލްކުރެވޭތޯ މާލެއަތޮޅުގައި ރިސޯޓު ހިންގުމުގެ ފުރުސަތު ސަރުކާރުން
ދިނެވެ. އެފުރުސަތުގެ ބޭނުން ހިފުމާއެކުވެސް ސައީދުގެ އައްޑޫ ލަވަ
ބަދަލެއް ނުވިއެވެ. ސައީދު ބޭނުންވީ ގަމުގައި ޓޫރިޒަމް
ތައާރަފްކުރުމަށެވެ. ކެނޑިނޭޅި ސައީދު ކުރި މަސައްކަތުގެ ނަތީޖާއެއްގެ
ގޮތުން އިނގިރޭސިންގެ ދުވަސްވަރު ގަމުގައި އޮފިސަރުން ތިބުމަށް
ގާއިމްކުރި އޮފިސާރސް ކުއާޓަރޒްގައި ހޮލިޑޭ ވިލެޖުގެ ނަމުގައި ހޮޓަލެއް
ތަރައްގީކޮށް އެތަން ހިންގުމުގެ ހުއްދަ ސަރުކާރުން ދީފިއެވެ.
އައްޑޫ ތަރައްގީކުރުމުގެ ލަވަ ހުއްޓާނުލާނެކަން އެނގި އެލަވަކިޔާމީހުން
ސައިޒުކުރުމުގެ ވިސްނުން އޭރު ސަރުކާރުގެ ތެރޭގައި ދިޔައީ
އަށަގަންނަމުންނެވެ. އެޔާއިއެކު މުހައްމަދު ސައީދު ރަނގަޅު
ދަންތުރައެއްގައި ޖައްސާނެގޮތްވެސް ދިޔައީ ރާވަމުންނެވެ. އޭރު މައުމޫނަށް
އައްޑޫ އޮތީ ކިތަންމެ ރަގަޅަކަށްވެސް ފަތަހަކުރެވި އެނގި ދަސްވެ
ނިމިފައެވެ. ގަމުގެ ހޮލިޑޭ ވިލެޖަކީ އެދަންތުރައެވެ. ގަމުގެ އެއަޕޯޓު
ތަރައްގީކޮށް އެތެރެއާއި ބޭރުން ފުލައިޓު ގެނެވޭނެ ގޮތް ހަދައިދޭނަމޭ
ސަރުކާރުން އައީ ބުނަމުންނެވެ. އެހެންވީމާ އެއުންމީދުގައި އަތުގައި ނެތް
ލާރިން ސައީދު ހޮލިޑޭ ވިލެޖަށް އިންވެސްޓްކޮށްފިއެވެ. ބޭންކުން ބޮޑު
ލޯނެއް ނަގައިފިއެވެ. ސަރުކާރުގެ ނިޔަތް ރަގަޅުކަމަށް ގަބޫލުކޮށްގެން
ސައީދުގެ މުޅި ފުރާނަވެސް މިމަޝްރޫއަށް އިންވެސްޓްކޮށްފިއެވެ.
ދެންވީގޮތް ބަލާށެވެ. އެއަޕޯޓު ތަރައްގީއެއް ނުވިއެވެ. ފުލައިޓު އިތުރެއް
ނުވިއެވެ. ސައީދުގެ ހޮޓަލަށް ފަތުރުވެރިޔަކު އަތުވެއްޖިއްޔާ އޭނާގެ
ފޮށިތަންމަތި ނާންނާނެއެވެ. ނަސީބު ރަގަޅިއްޔާ އޭނާ ފުރުމުގެ ކުރިން
އެތަކެތި ލިބިދާނެއެވެ. މިކަހަލަ ގޮތަކަށް ގޮސް ސައީދު އިނދަ
ޖެހިއްޖެއެވެ. ލޯނުނަގައިގެން މިކަންކުރުމަށް ސައީދުއަށް ހިތްވަރު ދިން
މީހުން ތިބީ ކުޅިވަރު ދެކެން ދުރުގައެވެ. އެހީ ބޭނުންވިއިރު އެކަކުވެސް
އަޅައެއް ނުލިއެވެ. އެންމެފަހުން ހިތަދޫގައި ހުރި ސައީދުގެ ގެދޮރުވެސް
ބޭންކަށް ނަގައިފިއެވެ. ސައީދު މަގުމަތިވެއްޖެއެވެ. އައްޑޫ
ތަރައްގީކުރަން އުޅުނު މީހާ ހުރިހާ މާނައެއްގައިވެސް ހާލުގައި
ޖެހިއްޖެއެވެ.
ސައީދުގެ ކުދީންގެ ތެރޭން ކުއްޖަކު އުޅެނީ މަހުޖަނަކާއި
ކައިވެނިކޮށްގެންނެވެ. ބޭންކަށް ނެގި ސައީދުގެ ގެ ނީލަން ކިޔުމުން
އެކުއްޖާ އެގެ ނެގީމާ އާއިލާގެ އިއްޒަތް ކޮންމެވެސް މިންވަރަކަށް
ސަލާމަތް ވެއްޖެއެވެ. އެކަމަކު މި ނިކަމެތިކަމާއި ހިތްދަތިކަން
ބަރުދާސްތު ނުކުރެވިގެން ސައީދު މިދުނިޔެވެސް ދޫކޮށްފިއެވެ. ފަހުތިބީން
ވިސްނައި ފިކުރު ހިންގާން ސައީދު އެދިޔައީ ރަގަޅު ފިލާވަޅުތަކެއް
ދޫކޮށްފައެވެ. އެއީ ކޮން ފިލާވަޅުތަކެއް ބާވައެވެ.
ސައީދުގެ ގުރުބާނީން ނެގޭ ފުރަތަމަ ފިލާވަޅަކީ އައްޑޫ ތަރައްގީކުރުމުގެ
ވާހަކައަކީ ރައްޔިތުން ހައްދާން ސަރުކާރުން ދައްކާ ވާހަކައެއް ކަމެވެ.
ސަރުކާރުގެ އިޚުލާސްތެރިކަމެއް ނެތްކަމެވެ. ދެވަނަ ފިލާވަޅަކީ އައްޑޫއަށް
ކަމެއްކޮށްދެވޭތޯ ގަދައަޅައި މަސައްކަތްކުރާ ކޮންމެ މީހަކު ދާހުށީ ހަމަ
ސައީދުވެސް ދިޔަމަގުން ކަމެވެ. އެމީހަކު ހަލާކާއި ގެއްލުމުގެ ތެރެއަށް
ވައްޓައިލުމަށް ސަރުކާރުން ފަސް ނުޖެހޭނެ ކަމެވެ. ތިންވަނަ ފިލާވަޅަކީ
އައްޑޫއަށް ނިސްބަތްވާ އައްޑޫގެ މަހުޖަނުން އަތޮޅާއި ދުރުގައި އެތިބެނީ
އައްޑޫ ދެކެ ލޯބިނުވާތީ ނޫންކަމާއި ސައީދު ޖެހުނު ދަންތުރައިގައި ޖެހެން
ބޭނުން ނުވާތީ ކަމެވެ.