Last Updated: November 25, 16:56
Monday, November 25, 2024
މުނިފޫހިފިލުވުން

މާމެންދޫ ހަންޑިރާނީ

މިއަދު ހުރިހާ ކުދީން ތިޔަތިބީ ފޭދޫ އާއި ހިތަދޫގައި ރޭ ދެއްކި
ބައިސިކޯފް ބެލުމަށްފަހު އޭގެ މަންޒަރުތަކާ ދޭތެރޭ ފިކުރުކުރާންތާއެވެ.
އަޅައިލާނެކަމެއް ނެތެވެ. ދިމާކުރާތީއަކީ އެކަހަލަ އެއްޗެކެވެ. މިޒާތުގެ
ކަންކަމަށް އާ މީހުން ސިކުނޑިން ތެޔޮ ހޭނިޔަސް ވާއެއް ނުވާއެއް
ނޭގޭނެއެވެ. އެބުނާ ދިމާކުރާތީގެ ފުރިހަމަކަމަކީ ހަތަރު އަނގޮޅިއެއްގެ
ކަންމަތީގައި ރައްޔިތުން ބޭތިއްބުމެވެ. ހަމަހިލާ ވާނުވާ އެނގުނަދީގެން
ނުވާނެއެވެ. ވިލާތު ފަރަންޖީން ބުނެޔޯލައެވެ. ދިމާކުރާތީގެ ރިވެތި ކަމާއި
ޝާއްބަކަމަކީ އެއީއެވެ. އެހެންވީމާ ތިޔަކަހަލަ ބައިސިކޯފްތަކާ ދޭތެރޭ
ވިސްނުމަކީ ބޭކާރުކަމެކެވެ.

ތިޔަކުދީންގެ މޮޅިވެރިކަން ފެނިފައި ބޭބެ ވަރަށް ދެރަވެއްޖައިމެވެ.
އެހެންވެ މިކިޔައިދެނީ އާ ޒާތެއްގެ ވާހަކައެކެވެ. ވާހަކަ ކިޔައިލީމާ
ކުޑަވަގުތުކޮޅަކަށް ނަމަވެސް ތިޔަފިކުރުތަކާ ދުރަށް ދެވިދާނެ ތޯއްޗެކެވެ.
މިއީ ހަގީގީ ތެދު ވާހަކައެކެވެ. ބޭބެއަށް ދިމާވި ހާދިސާއެއްގެ
ވާހަކައެވެ. އާނ ދެން ހާސަރު ދިގުނުކޮށް ފަށަމާ ހިނގާށެވެ.

ޒަމާންތަކަކަށްފަހު މިދިޔަ ސެޕްޓެމްބަރު މަހު ފަހުކޮޅު ދެ ދުވަހަކަށް
ބޭބެ އައްޑުއަތޮޅަށް ދިޔައީމެވެ. ދުވާލު ހަތަރުދަމު ހިތަދޫގައި އުޅެފައި
ރޭގަނޑު ނިދާންވީމާ ދަނީ ގަމަށެވެ. ބޭބެއާއެކީގައި ކޮއްކޮއަކުވެސް
ދިޔައެވެ. ގަމާއި ހިތަދޫއާ ދޭތެރޭ ދަތުރުކުރަނީ ދެ ވެރިން
އެއްސައިކަލެއްގައެވެ. އެއްރޭ ހިތަދޫގައި ތިބެފައި ގަމަށްދާން
ނައްޓާލައިފީމެވެ. އޭރު ނުވައެއް ޖަހައިފާނެއެވެ. ތުނިކޮށް ވެހެމުންދިޔަ
ވާރޭގެ ތެރޭގައި މަޑު ރާގަކަށް ދުއްވަމުންގޮސް ސިޓީ ކައުންސިލް އިދާރާއާ
ހަމަވުމުން އެތަނަށް ފައިބައި ސައިކަލުގެ މަޑިދަށުން ދެ ހެލްމެޓު ނަގައި
ދެވެރީންގެ ބޮލަށް މަހާލައިފީމެވެ. އެހިސާބުން އެފެށުނީ ހައިވޭގެ
ނުރައްކާތެރި ދަތުރެވެ.

ސިޓީ ކައުންސިލް އިދާރާ ހުންނަ މަގުން އިރަށް ގޮސް ހައިވޭއަށް ނުކުތީ
ހިތަދޫ ފުލުސް ސްޓޭޝަނުގެ ކައިރިންނެވެ. ދުއްވާން އިނީ ބޭބެއެވެ.
ހައިވޭއަށް ނުކުމެ ދެކުނަށް ހަމަހިފައިލިތަނާ ފުލުސް ސްޓޭޝަނުގެ
ކުރިމަތިން އަތިރިއާވީފަޅީގައިވާ ކުޑަވަރެއްގެ މަގޫ ގަހެއްގެ ދަށުގައި
އޮތް ބިޔަ ހުދު ބުޅަލެއްގެ ދެލޮލުގެ ވިދުން ބޭބެގެ ދުރުމިއަށް
އަރައިފިއެވެ. އެއާއެކު ނޭގުމެއްގެ ތެރޭގައި ސައިކަލުގެ ސްޕީޑުވެސް
ދިޔައީ މަޑުވެގެންނެވެ. އެހިސާބުން ބޭބެ އިނީ ބުޅަލަށް ވަރަށް
ސަމާލުވެގެންނެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެއްކަލަ ބުޅާ ސައިކަލްގެ
ކުރިމަތިން ހުރަސްކޮށްފިއެވެ. މަގުގެ މެދަކާ ހިސާބަށް ގޮސްފައި ދެން
ދުއްވައިގަތީ އަނެއްކާ އައިކޮޅަށެވެ. މިފަހަރު ބުޅާ އެދިޔަގޮތަށްގޮސް
ވަނީ ހަމަސީދާ ސައިކަލްގެ ކުރީފުރޮޅު ދަށަށެވެ. އަދި މިބުނެވުނީ މުޅީން
ރަނގަޅަކަށް ނޫނެވެ. ސައިކަލްގެ ދެބުރަކި އެއްކޮށްހިފުނުކަމުން
ހަމަހުރިތަނަށް ސައިކަލް މަޑުޖަހައިފިއެވެ. ސައިކަލުގެ ކުރީފުރޮޅާއި
ބުޅަލާއި ދޭތެރޭ އިންޗިއެއްގެ ދުރުމިންވެސް ނުހުންނާނެއެވެ.

އެއްފަހަރު ކުރިމަތިން ހުރަސްކުރުން އެއީ އާދައިގެ ކަމެކެވެ. އެކަމަކު
މިބުޅާ މިއޮތީ ތިން ހަތަރު ސިކުންތެއްގެ ތެރޭގައި ދެފަހަރު ބޭބެމެންގެ
ކުރިމަތިން ހުރަސްކޮށްފައެވެ. މިކަން މިކުރީވެސް މީގެކުރިން
ތަޖުރިބާކޮށްފައި ނުވާގޮތަކަށެވެ. ކުޑައިރު މިޒާތުގެ ވާހަކަ ވަރަށް
ގިނައިން އަޑުއިވި ބިރުވެރިކަން އިހުސާސްކުރެވިފައިވާތީ ބޭބެއަށް ދެން
ކުރިއަށް ދުއްވާކަށް ނުކެރުނެވެ. އެހެންވެ ހަމަ ބަހެއްވެސް
ބުނުމަކާނުލައި އައިކޮޅަށް އަނބުރާލައިފީމެވެ. އައިކޮޅަށް ދުއްވާލީމާ
ފަހަތުގައި އިން ކޮއްކޮ ބަލަބަލަ ތިޔަހެދީ ކިހިނެއްހޭ އަހައި
ސުވާލުކުރާން ފަށައިފިއެވެ. މިއަށް މާގިނަ ޒުވާބެއް ނުދީ ދުއްވަމުންގޮސް
ކޮންވެންޝަން ސެންޓަރަށް ދާން އޮންނަ މަގަށް އަރައި ކޮންވެޝަން ސެންޓަރު
ވަށާލައިގެން އަނެއްކާވެސް ހައިވޭއަށް ނުކުމެއްޖައީމެވެ. މިހެން ހެދީމާ
ހައިވޭގެ ވަކިތަންކޮޅެއްގައި ނުދުއްވައި ސަލާމަތްވެވިއްޖެއެވެ.

ހައިވޭއަށް ނުކުމެ ދެކުނަށް ހިފާލިއިރު ވެހެމުންދިޔަ ވާރޭވެސް
ބޯކޮށްލައިފިއެވެ. ރުއްފަތީގެ މެދަކާހިސާބަށް ދެވުނުތަނާ ކުއްލިއަކަށް
މާޒީގެ ތެރެއިން ފޮޓޯގަނޑެއް ބޭބެގެ ސިކުނޑިއަށް އަރައިފިއެވެ.
އެންމެފުރަތަމަ ކަޅާއި ހުދުގެ ވަރަށް ފުސް ފޮޓޯއެކެވެ. ދެން މަޑުމަޑުން
މަޑުމަޑުން ކުލަޖެހެމުންއައިސް ހަރަކާތްވެސް ކުރަން ފަށައިފިއެވެ. މާޒީގެ
ތެރެއިން ހަމަމިކަހަލަ ވިއްސާރަ ރެއެއްގައި ހަމަމިމަގުން ބޭބެ ކުރި
އާދަޔާ ޚިލާފު ދަތުރެއް ފިލްމަކަށް ބަދަލުވެ މިހިރަގެން ފެންނަނީއެވެ.
އޮފުކަން ގަދަ ދިގު އިސްތަށިގަނޑެކެވެ. ތޫނު ކަޅިރަވައެކެވެ.
ހިމަތޮޅިއެވެ. އެހެނަސް ވަނާތައް ފުރިހަމައެވެ. ނައިފަރު ދޮހޮއްކޮބޭގެ
ލަވައިގައި އެކިޔާ ފުރަތަމަ ނަޒަރު އެންމެ އިޝްގީ އަސަރު އެއީ ފިސާރި
ތެދެއްކަން ޔަގީންވާ ސޫރައެކެވެ.

އެއީ މީގެ އެތައްއަހަރެއް ކުރިއެވެ. ތާރުއެޅި މަގު ނޯންނަ ދުވަސްވަރެވެ.
ބޭބެގެ އެންމެ ހަލަނި ދުވަސްވަރެވެ. ބޭބެ އާއި އެހެން ރަހުމަތްތެރިޔަކު
ތަންއޮތްތާގައި ދުއްވާންކަމަށް ގަސްތުކޮށްގެން ދެވެރީންގެ ސައިކަލް
ހިފައިގެން ދިޔައީ ހިތަދޫއަށެވެ. ހިތަދޫއަށް ފައިބައި ތިބީ ބުރިކެޑެ މަގޭ
އެކިޔާ މަގުގައި ސްކޫލާ ވަރަށް ގާތުގައި ހުންނަ ގެއެއްގައެވެ. އެއްރޭ
އެކަނި ބޭރުގައި އުޅެލާފައި އައިއިރު ގޭގެ ވެރި އަންހެންމީހާ ވަރަށް
ހާސްވެގެން އުޅެއެވެ. މިކަމެއްގެ އަސްލަކީ މި އަންހެންމީހާގެ އަންހެން
ކޮއްކޮއަކު ގޮވައިގެން ބުރެއް ޖަހައިލާނަމޭ ބުނެފައި ބޭބެގެ
ރަހުމަތްތެރިޔާ ދިޔަގޮތަށް ޚަބަރެއް ނުވުމެވެ.

ބުރުޖަހަން ނުކުތް ޖޯޑު ފެނޭތޯ ބޭބެ ނުކުމެދޭން އަންހެންމީހާ
އެދިއްޖެއެވެ. އެވެނި ފާލަމަކާއި މިވެނި ކުޅިއަކާއި އެވެނި ގަހެއްގެ
ކައިރީގައި ތިބެދާނެއޭވެސް ބުނެފިއެވެ. މިވާހަކަ ދެކެވޭއިރު ޒުވާންކަމާއި
ޝާއްބަކަމުގެ ހުރިހާ ސިފަތަކެއް ހުސްކޮށްގެންހުރި އަށާރަ ނަވާރަ އަހަރުގެ
އަންހެންކުއްޖަކު މިތާގައި ހުއްޓެވެ. އެއީ ކައިރިކޮންމެވެސް ގެއެއްގެ
ކުއްޖެއްކަމަށް ހީވެއެވެ. ބޭބެ ބުނެފީމެވެ. ތިޔަ ބުނާ ފާލަމަކާއި
ގަހަކާއި ކުޅިއެއް ނޭގެއެވެ. މަގުދައްކާން މިހިރަ ރާނީ ދަނިކޮށް ބޭބެ
ހިގައިދާނަމެވެ. ބަސްބުނެ އަދި ނުނިމެނީސް މިމަންޖެއަކު އަވަސް އަވަހަށް
އާނ އާނ ހިނގާށޭ ބުނެފިއެވެ. ބޭބެވެސް ވީއުފަލަކުން ސައިކަލާ ހަމައަށް
ދެވުނީ ހިނގާފައި ކަމެއް ނޫނީ އުދުހިފައި ކަމެއް ނޭގުނެވެ.
އުފާވާނެތާއެވެ. ނަމުގައި މިނުކުންނަނީ ބަޔަކު ހޯދާށެވެ. ހިތުގައި މިއޮތީ
އަނެއް ޖޯޑުވެސް ދިޔަމަގުން ބުރެއްޖަހައިލުމުގެ ނިޔަތެވެ.

ސައިކަލުގެ ފަހަތުގައި އެމަންޖެ އިނީ ވަރަށް ގަޔާވެގެންނެވެ. ބަލަންތިބޭ
ބަޔަކަށް އެއްހަށިގަނޑެކޭ ހީވާވަރެވެ. ސަމާސާ ކުރާވަރުން މިއީ އެކީގައި
އުޅެބޮޑުވި ދެ މީހުން ނޫންކަމަށް ޚުދު ބޭބެގެ ހިތަށްވެސް ނާރައެވެ. ދެން
އެނޫން އެއްޗެއް ހިތަށް އަރާކަހަލަ ވަގުތެއްވެސް ނޫންތާއެެވެ. މިފާޑަކަށް
ތިބެގެން އަތޮޅު ތައުލީމީ މަރުކަޒުގެ ކަންމައްޗަށް ނުކުމެ ބޭބެ ހިފާލީ
އޮޑައްސަލާ ވީ ކޮޅަށް ދެވޭތޯއެވެ. މިކަން މަނާކޮށްފައި މާމެންދޫއާވީ
ކޮޅަށް ހިގާށޭ ބުނެފިއެވެ. އޭރު ސައިކަލް ދުއްވަން އިނީ ބޭބެ
ކަމަށްވިޔަސް ބޭބެގެ ކޮންޓްރޯލް އޮތީ މިމަންޖެގެ އަތުގައެވެ.

ވަރަށް ތުނިކޮށް ވާރޭވެހެއެވެ. ކިތަންމެހާވެސް ފިންޏެވެ. މާމެންދޫގެ
ތެރެއަށް ވަދެގެންދިޔައިރު ޖެހޭ ފިނިވައިރޯޅިން ތުރުތުރުއަޅާވަރުވެއެވެ.
އެކަމަކު އެކަން އިހުސާސެއް ނުވެއެވެ. ނާރުތަކުގައި ދައުރުވަމުންދިޔަ
ލޭގެ ހޫނުން ދެމީހުންތިބީ ކެހެރި ފޭރާމެއް އަދި ކިއެއްތަ އެޒާތުގެ އެހެން
އެއްޗެއްވެސް ބޭނުންނުވާ ވަރަށް ހޫނުވެފައެވެ. ކުރިއަށްދިޔައީ ދެމީހުން
ވާހަކަދައްކަމުން ހެމުން ސަމާސާ ކުރަމުންނެވެ. އެއްބަސްވުމަކީ މަރަދޫއާ
ހަމައަށް ގޮސްފައި އައިކޮޅަށް އަނބުރައިލުމެވެ. ރުއްފައްޗާ ހަމައަށް
ދެވުނުތަނާ މިމަންޖެ މުޅީން ހިމޭންވެއްޖެއެވެ. ފަހަތުގައި ރީއްޗަށް
ބައިންދާފައި އިން ބުދެކޭ ތަފާތެއް ނެތިއްޖެއެވެ. އެކަމަކު މިއީވެސް
ސަމާސާގެ އާވައްތަރެއް ކަމަށް ބަލައިގެން ބޭބެ ދިޔައީ ކުރިއަށެވެ.

ފަހަތުގައި އިން މަންޖެގެ ހިމޭންކަމުގެ ސަބަބުން ފޫހިވާގޮތްވެ ސައިކަލް
އަނބުރައިލީ އިންޖީނުގެ މިހާރު އެހެރަ ހިސާބަށް ގޮސްފައެވެ.
އަނބުރައިލުމުންވެސް ވަކި އެއްޗެއް ނުބުންޏެވެ. ދައްކާ އެއްވެސް
ވާހަކައަކަށް ޖަވާބު ދިނުމެއް ނެތެވެ. ދުއްވަމުންއައިސް ރުށްފަތީގެ
މެދަކާ ހަމައަށް އާދެވުމާއެކު މިމަންޖެއަށް ހަރަކާތް އަތުވެއްޖެއެވެ. ހީ
ސަމާސާކުރުން ފެށިއްޖެއެވެ. ހަމަ ޝަހާދަތްފަދަ ތެދެކެވެ. އެވަގުތު ބޭބެގެ
ހިތަށް އައީ ސިޔަރަތުގައި އެކިޔާ ޖަދުއާނު ސާދާގަރަށް ދިމާވި ހާދިސާއެވެ.
އަޖުމަ ބަލައިލުމަށް އަނެއްކޮޅަށް އަނބުރާލައިފީމެވެ. މަންޖެގެ ބަސް
ހުއްޓިއްޖެއެވެ. އަނެއްކޮޅަށް އަނބުރައިލީމާ ބަރާބަރުވެދެއެވެ. މިހެން
ތިން ހަތަރު ފަހަރަކު ހެދީމާ މިމަންޖެއަށް މިމަައްސަލަ ކުރިމަތިވާ
ބޯޑަރލައިންވެސް ކަށަވަރުވެއްޖެއެވެ.

އެވަގުތު ހިތުތެރޭގައި އަށަގަތީ އަމަށަކު ބިރެއް ނޫނެވެ. މުލީ އަބްދުﷲ
ސޯދިގު ލިޔުއްވި ހަންޑި ގަނޑުވަރު ދޮންކަމަނަ ވާހަކަ ހަނދާންވެ އަނެއްކާ
މިއޮތީ އާ ދޮންކަމަނައެއް ފެނިފައި ކަމަށް މުޅިން ނިންމައި ކަޅުދުން
އަރުވަމުން ހިތަދޫއާ ވީކޮޅަށް ދުއްވާލައިފީމެވެ. އިސާހިތަކު ބޭބެއަށް
ހުރެވުނީ ތައުލީމީ މަރުކަޒުގެ ކުރިމަތީގައެވެ. ކިރިޔާވެސް ހަމަޖެހުމެއް
ލިބުނީ ހޮޅިބުރިތަކުގެ އައްޔާއި ހަމައަށް ދެވުމުންނެވެ. އެހިސާބަށް ގޮސް
ސައިކަލުން ފައިބައި ނިކަން ރަނގަޅަށް މިމަންޖެއަށް ބަލަން ފަށައިފީމެވެ.
ސޯދިގު ސިފަކުރެއްވި ހަންޑި ދޮންކަމަނަގެ ފުންނާބުގައި ހުންނަ ޒާތުގެ
ކަށްޓެއް ހުރިތޯވެސް ބެލުނުކަން ނޭގެއެވެ. މިވަރަށް ބެލިއިރުވެސް ހުނުން
ނޫންކަމެއް މި މަންޖެ ނުކުރެއެވެ. ހުރެގެން ހަމަހެނީއެވެ.

މިވަރަށް ހީހީފައި ސަމާސާކުރީމާ ބޭބެގެ ހިތުންވެސް ހިސާހިތަކު
ބިރުވެރިކަން ފިލާއްޖެއެވެ. އެހެންވެ އަނެއްކާވެސް ކުޑަކޮށް
ވާހަކަދައްކައިލާން ކަމަށް ހީކޮށްގެން މާމެންދޫއާވީކޮޅަށް ގޮސް މިހާރު
ފުލުސް ސްޓޭޝަން އެހެރަ ދިމާލުން މަގުގެ އެއްފަރާތުގައި ސައިކަލް
ބަހައްޓާފައި ދެމީހުންވެސް ފޭބީ އަތިރިމައްޗަށެވެ. އެއީ ފުލުސް ސްޓޭޝަން
އެހެރަތަނެވެ. އެތަނުގައި އޮތް ގަސްބުޑެއްގެ މަތީގައި ދެމީހުން
އިށީންތަނާ މިމަންޖެއަށް އަނެއްކާވެސް އެއްކަލަ ބަލި ޖެހިއްޖެއެވެ.
އަނގައިން ބުނުން ހުއްޓިއްޖެއެވެ. ހަރަކާތް ހުއްޓިއްޖެއެވެ. މިފަހަރު މި
މަންޖެގެ މޫނު ބޭބެއަށް ނިކަން ރަނގަޅަށް ބަލައިލަން ފުރުސަތު ލިބުނެވެ.
މި މަންޖެ ހުރީ ކަޅިވެސް ޖަހާނުލައި އުދަރެހަށް ބަލަހައްޓައިގެންނެވެ.
ލޮލުން ބިރުވެރިކަން ވަރަށް ބޮޑަށް ފައުޅުވެއެވެ. ހަމައެވަގުތު
ވަލުތެރޭން ވަރަށް ބާރަށް ބުޅާތަކެއް ކޯޅޭން ފެށިއަޑު އިވުނެވެ.

ވިސްނާކަށް ވަގުތެއްނެތެވެ. މިއޮތީ ފުރާނަޔާއިގެން ބަޗަންޖެހޭ ވަގުތު
އައިސްފައެވެ. ފަޔަށް ލެވުނުހާ ބާރެއްލާފައި ދުއްވައިގަތީ މަންޖެގެ
އަތުގައި ހިފައިގެންނެވެ. ސައިކަލް ހުރި ހިސާބަށް ދެވުނު އިރު ދެތިން
ފަހަރަކު އެމަންޖެ ވެއްޓުނުހެންވެސް ހީވިއެވެ. ސައިކަލުގެ ފަހަތަށް
އެރުވުމުގެ ބަދަލުގައި މިފަހަރު ބިމުން ހިއްލާލައިގެން ގޮސް ބޭންދީ
ޕެޓްރޯލް ޓޭންކާވީފަޅިން ބޭބެގެ ކުރިމަތީގައެވެ. ސައިކަލް ސްޓާރޓް
ކުރެވުނުކަން އެނގުނެވެ. ދެން ވިސްނައިލިއިރު ހުރެވުނީ ދާންޖެހޭ ގޭގެ
ކުރިމަތީގައެވެ. އެހިސާބުން މަންޖެއަކާއި މަންޖެއެކެވެ. ބޭބެ ގޮސްވަނީ
ކޮޓަރިއަށެވެ.

އަނެއްދުވަހު ހޭލައިގެން ތަންގަނޑު މީހުންކުރެން އެމަންޖެއާ ބެހޭ
މައުލޫމާތު ހޯދީމެވެ. އަސްތާ ބޭބެ ބިރުގަތީ އެހިސާބުންނެވެ. އެމަންޖެއަކީ
ތަންކޮޅެއްކުރީގައި މާމެންދޫތެރެއިން ޖިންނި މޮޔަވިކުއްޖެކޯލައެވެ.
ފަންޑިތަ ހަދައިގެން މިހާރު އެހެރީ ރަނގަޅުވެފަޔޯލައެވެ. މިހާރުވެސް
އުނގަނޑާއި ހަތަރެސްފައިގައި ބޮޑު ތަވީދު އަޅައިގެން ނޫންގޮތަކަށް ގެއިން
ބޭރަށް ނުދެޔޯލައެވެ.

މިވަރަށް މައުލޫމާތު ލިބުނީމާ އަދި ކުރީރޭގެ ހާދިސާގެ މަތިން ހަނދާންވީމާ
ދެން ހަމަ އިރުކޮޅަކަށްވެސް ހިތަދޫގައި މަޑުކުރަން ބޭނުމެއް ނުވިއެވެ.
އެކީގައި ދިޔަ ރަހުމަތްތެރިޔާ ބަހައްޓާފައި ހަމައެދުވަހު ފުރައިގެން
އަތޮޅުގެ އަނެއްފަރަށް އަމިއްލަފަރަށް ހިނގައްޖައީމެވެ.

ފިލްމު މިހިސާބަށް ދިޔަތަނާ ކުއްލިއަކަށް ފިލްމުގެ ފީތާފަށް ކަނޑައިގެން
ހިނގާއްޖެއެވެ. އޭރު ހަންކެޑެ ނިމިގެން ބުރިޖު ހުރަސްކޮށް މަރަދޫއަށް
އެރެނީއެވެ. ފިލްމު ބަލަމުންދިޔަ ވަގުތު ސައިކަލް ދުއްވީއެއް ނޫނެވެ.
ސައިކަލް ދުއްވުނީއެވެ. އޮޓޯ ޕައިލެޓުގައި ދުއްވުނު ވަގުތު
އެކްސިޑެންޓެއް ނުވީ ދެން އެފަދަކަމެއް އެރޭ ވާން ނެތީމައެވެ. ފަހަތުގައި
އިން ކޮއްކޮ އިނީ ބިރުންގޮސް އަވަދިވާވަރުވެފައެވެ. އޭނާ
ކިޔައިދިންގޮތުންނަމަ ބޭބެ އިނީ އެހެން އާލަމެއްގައެވެ.