އުމުރަކީ ބައެއް މީހުން ދެކޭ ގޮތުގައި ހަމަ ނަމްބަރެކެވެ. އެހެންވީމާ އެއަކަށް ބަލާނެ ކަމެއް ނެތެވެ. އުމުރުން ކިތަންމެ ދުވަހެއް ވިޔަސް އެ މީހަކު ކުރަން ބޭނުންވާ ކަމެއް، ހާސިލުކުރަން ބޭނުންވާ ކަމެއް ހާސިލުކުރަން މަސައްކަތް ކުރުމުގައި ކުރިއަށް ދާންވީ އެވެ.
މިއީ އެފަދަ މީހެއްގެ ވާހަކަ އެވެ. މިއީ މިހާރު އުމުރުން 91 އަހަރުގެ މޮޑެލްއެކެވެ. ނަމަކީ އެންޑްރޭސް ގާޝިއާ ކާރޯ އެވެ. މަޝްހޫރު ނަމުން ނަމަ މިއީ "ދަ ސްޕެނިޝް ކިންގް" އެވެ. ސްޕެއިނަށް އުފަން މި މީހާ މިހާރު ހިމެނިފައި ވަނީ ޔޫރަޕްގެ އެންމެ ދުވަސްވީ ޕްރޮފެޝަނަލް މޮޑެލުންގެ ތެރޭގައި އެވެ.
"ދަ ސްޕެނިޝް ކިންގް" އިންސްޓަގްރާމްގައި ވެސް ވަރަށް މަޝްހޫރެވެ. އޭނަގެ މޮޑެލިން ފޮޓޯތަކާއި ވީޑިއޯތައް އެއިން ފެންނަން އެބަހުއްޓެވެ. އުމުރަކަށް ހަމަ ބަލާނެ ކަމެއް ނެތެވެ. "ދަ ސްޕެނިޝް ކިންގް" އަކީ އެޑިޑާސް އާއި ޒާރާ ފަދަ މަޝްހޫރު ފެޝަން ބްރޭންޑްތަކުގެ އުފެއްދުންތައް އިޝްތިހާރު ކުރަން ފުރުސަތު ލިބެމުން އަންނަ މޮޑެލްއެކެވެ.
މި ފެންވަރުގައި އޭނަ މޮޑެލްކުރަން ފެށީ މީގެ ތިން އަހަރު ކުރިންނެވެ. އެއީ ކާފަ ދަރިއެއްގެ ކެމެރާގެ ލެންސަށް އެރި ފޮޓޯތަކަކާ އެކީގަ އެވެ. ސެލީން ވެން ހީލް ބުނި ގޮތުގައި އޭނަ އަށް "އެކްސިޑެންޓަކުން" ނެގުނު ފޮޓޯތަކަކުން ފާހަގަކުރެވުނީ ކާފަ ކިބައިގައި މޮޑެލްކުރުގެ ސިފަ އާއި ވައްޓަފާޅި ހުރި ކަމެވެ. އެހެންވެ އެކަން ރާޑަށް އެރުމުން ކާފަ ލައްވައި ޒާތްޒާތަށް ޕޯސްކުރުވާފައި ފޮޓޯ ނަގައި އާންމުކުރަން ފެށުމުން އެތައް ބައެއްގެ ސަމާލުކަން ލިބުނީ އެވެ.
"ދަ ސްޕެނިޝް ކިންގް" އުފަންވުމުގެ ސިއްރަކީ މިއެވެ؛ އެކަމާ މިހާރު އެންޑްރޭސް ހުރީ ވަރަށް އުފަލުންނެވެ. ކުރިން އުންމީދު ވެސް ނުކުރާ ކަހަލަ ކެރިއަރެއް، އުމުރުގެ ފަހުކޮޅުގައި ތަޖުރިބާކޮށްލަން ލިބުނީމަ އެވެ.
މިކަމުން ލިބުނު އުފަލާ އެކީ އެއް ފަހަރަކު އޭނަ ސެލީން ގާތު މިހެންނެވެ. މީގެ ވިއްސަކަށް އަހަރު ކުރިން މޮޑެލްކުރަން ފެށުނަ ނަމައާ ހިތަށް އަރަ އެވެ. އަދި އެކަން ކުރިން ނުކުރެވުނީތާ ދެރަވާ ކަމަށް ވެސް ބުންޏެވެ.
ކޮންމެއަކަސް މޮޑެލިން ކެރިއަރާ އެކީ "ދަ ސްޕެނިޝް ކިންގް" ހަޔާތް މިހާރު ވަރަށް ކުލަގަދަ އެވެ. ވަރަށް ހެޕެނިން އެވެ.