ދިވެހި ލިޔުންތައް އިތުރުކޮށް، ކުޑަކުދިން ދިވެހި ބަހަށް ޝައުގުވެރި ކުރުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހި ގޮވާލައްވައިފި އެވެ.
ލިޔުންތެރިކަމުުގެ ދުވަހާ ގުޅުވައި އެ މަނިކުފާނު ވިދާޅުވީ ދިވެހިންގެ އަދަބީ ތަރިކަ ރައްކާތެރިކޮށް ދިވެހި ބަސް ދިރުވައި އާލާކުރުމަށް މަސައްމަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ދިވެހި ބަހުގެ ލިޔުންތައް އިތުރުކުރަން ޖެހަމަށް ވިދާޅުވި އެވެ.
"ކުޑަކުދިންނާ ޒުވާނުން ދިވެހި ބަހަށް ޝައުޤުވެރި ކުރުމަށް އިލްތިމާސްކުރަން." ރައީސް ވިދާޅުވި އެވެ.
ދިވެހި ލިޔުންތެރިންގެ ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ރާއްޖޭގެ ލިޔުންތެރިންނަށް އަރިސްކުރަން. ދިވެހިންގެ އަދަބީ ތަރިކަ ރައްކާތެރިކޮށް ދިވެހި ބަސް ދިރުވައި އާލާކުރުމަށްޓަކާ، ދިވެހި ބަހުގެ ލިޔުންތައް އިތުރުކޮށް، ކުޑަކުދިންނާ ޒުވާނުން ދިވެހި ބަހަށް ޝައުޤުވެރި ކުރުމަށް އިލްތިމާސްކުރަން.
— Ibrahim Mohamed Solih (@ibusolih) July 8, 2023
ދިވެހި ބަހަށް ކުޑަކުދިންނާއި ޒުވާނުން ޝައުގުވެރިކުރުވަން ރައީސް ގޮވާލެއްވި އިރު، ފަހަކަށް އައިސް ރާއްޖޭގައި ދިވެހި ބަހަށް ދެވޭ ސަމާލުކަން ކުޑަ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ ތައުލީމީ ނިޒާމު އިނގިރޭސި މީޑިއަމަށް ބައްޓަންވެފައި އޮތުމުގެ ސަބަބުން ދިވެހި ބަހަށް ދެވޭ އަހަމިއްޔަތުކަން ކުޑަކަމަށް ބަހުގެ ތަޖުރިބާކާރުން ފާހަގަކުރައްވަ އެވެ.