ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގައި ތުޙުމަތުގައި ގޭބަންދަށް ބަދަލު ކޮށްފައި ހުރި ފޭދޫ މީހަކު ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާވިސްއިން ފަށައިފިއެވެ.
ފުލުހުން ބުނީ ގޭބަންދަށް ބަދަލު ކޮށްފައި ވަނިކޮށް ފިލައިގެން އުޅޭތީ ހޯދަމުން ދަނީ ސ.ފޭދޫ، ޗާނދަނީމާގެ މުޙައްމަދު މާހިން އަޙްމަދު (26އ) އެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2013 އޭޕްރީލް 4 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މއ.ސްނޯލައިޓް ބަލައިފާސްކޮށް 78 ގްރާމްގެ ޑައިމޯފިންއާއި އެކުގައެވެ.
ފުލުހުން ބުނީ މާހިން ފިލާފައި ވަނީ އޭނާއަށް ކުރިން ދީފައިވާ ބަންދުގެ މުއްދަތު ހަމަވާތީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ގޭބަންދަށް 15 ދުވަސް ދިނުމާއި ގުޅިގެން އޭނާ ގޭބަންދަށް ބަދަލުކޮށްފައިވަނިކޮށެވެ.
މުޙައްމަދު މާހިން އަޙްމަދު އަކީ ތަފާތު އެކިއެކި މައްސަލަތަކާއި ގުޅިގެން 12 ފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 09 ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި މުޙައްމަދު މާހިން އަޙްމަދުގެ މައްޗަށް ތުޙުމަތު ކުރެވޭ މައްސަލައެއްގެ ތަޙުޤީޤު ނިންމައި ދަޢުވާ ކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
މަސްތުވާތަކެތީގެ މި މައްސަލައާއި ގުޅިގެން ހޯދަމުންދާ މުޙައްމަދު މާހިން އަޙްމަދު އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ނަމްބަރު 9660126 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.