މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ފޭދޫގައި ބޭއްވި ޖަލްސާއަށް މޫނު ނިވާކޮށްގެން ވަދެ، ހަމަ ނުޖެހުން އުފެއްދި މައްސަލާގައި ހަ މީހެއްގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އައްޑޫގައި ހިގަމުންދާ ހަމަ ނުޖެހުމާއި ގުޅިގެން ހަ މީހެއްގެ މައްސަލަ ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އަދި ހައްޔަރުކުރި މީހުން ދޫކޮށްލާފައިވަނީ ތަހްގީގަށް ބޭނުންވާ ބަޔާން ނެގުމަށްފަހު، އެފަދަ މީހަކު ހައްޔަރުގައި ބަހައްޓަން ޖެހޭފަދަ ހާލަތެއް އަދި ގާނޫނީ ހަމައެއް ފެންނަން ނެތުމުން ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ފޭދޫގައި ސިޔާސީ ޕާޓީއަކުން ބާއްވަމުން ދިޔަ އެއްވުމަކަށް ހުރަސް އަޅައި މަސްލަހަތު ނަގާލަން އުޅުނު މައްސަލާގައި 16 މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން ހައްޔަރު ކުރި 16 މީހުންގެ ތެރެއިން 10 މީހުންނަކީ މަސްލަހަތަށް ބަލާފައި އެތަނުން އެވަގުތު "އެކަހެރި" ކުރުމަށް ނެގުނު މީހުންކަމަށް ފުލުހުން ބުންޏެވެ.
އެމްޑީޕީން ފޭދޫގައި ބޭއްވި ޖަލްސާއަށް ހުރަސް އަޅައި، އަދި އެރޭ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ އޮފީސް އަންދާލި މައްސަލާގައި މިހާތަނަށް ހައްޔަރު ކުރި އެންމެން ދޫކޮށްލާފައިވާތީ ފުލުހުންނަށް ދަނީ ބޮޑެތި ފާޑު ކިއުންތައް އަމާޒު ވަމުންނެވެ.
އަދި ރޭ ރައީސް ނަޝީދު ހުންނެވި ގޭގެ ފުރާޅަށް ގާއުކާފައިވާތީ އާއި އެ މައްސަލާއި ގުޅިގެން އެއްވެސް ފަރާތެއް ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައި ނުވާތީ ފުލުހުންނަށް ފާޑު ކިއުންތައް ވަނީ އިތުރުވެފައެވެ.
ފުލުހުން ބުނީ އައްޑޫގެ އަމާންކަން ގާއިމް ކުރުމަށާއި، ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރުމަށް ފަސް ނުޖެހޭނެ ކަމަށާއި، ގާނޫނާއި ގާވައިދުން ބޭރުން ހިންގާ އަމަލްތައް ސާބިތު ކަމާއި އެކު ހުއްޓުވާނެކަމަށެވެ.
ފުލުހުން އައްޑޫގައި ކުރަމުންދާ މަސައްކަތަށް ރައީސް ނަޝީދު މިއަދު ވަނީ ޝުކުރު ދަންނަވާފައެވެ.