Last Updated: April 21, 16:03
Monday, April 21, 2025
ޚަބަރު

ހިތަދޫ ޒޯން 1 މި މަހުގެ މެދަށް ނިންމައި ރިސޯޓުތަކާ ދިމާލަށް

އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢު ތެރެއިން ހިތަދޫ ޒޯން 1 ހިއްކުން / ފޮޓޯ: އައްޑޫލައިވް

އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ހިތަދޫއިން ރައްޔިތުންގެ ބޭނުމަށް ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދު މިމަހުގެ މެދާއި ހަމައަށް ހިއްކާ ނިމޭނެ ކަމަށް އެ މަސައްކަތް ކުރަމުންދާ ވެން އޫޑް ކުންފުނިން ހާމަކޮށްފިއެވެ.

ވެން އޫޑް ކުންފުނިން މިވަގުތު ހިތަދޫގެ ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހިތަދޫ ބިން ހިއްކުން ކުރިއަށް ގެންދަނީ 2 ޒޯނަކަށް ބަހާލައިގެންނެވެ. އެއީ ހިތަދޫގެ ސަރަހައްދީ ބަނދަރުގެ އުތުރުން ހިއްކާ ހިއްކާ ސަރަހައްދު، ނުވަތަ ޒޯން 1 އަދި ހިތަދޫގެ ސަރަހައްދީ ބަނދަރުން ދެކުނަށް، ގައުކެނޑި ބްރިޖާއި ހަމައަށް ހިއްކާ ސަރަހައްދެވެ.

މީގެ ތެރެއިން ހިތަދޫ ޒޯނުން ފުރަތަމަ ހިއްކަން ހަމަޖެހިފައި އޮތީ 50 ހެކްޓަރު ނަމަވެސް މިހާރު ހިއްކާނީ 40 ހެކްޓަރެވެ. އަދި ޒޯން 2 އިން ވެސް މިވަރުގެ ތަނެއް ހިއްކާނެވެ. ޒޯން 1 އަކީ ހިތަދޫއިން ރައްޔިތުންނަށާއި، ދައުލަތުގެ އެކި ކަންކަމަށް ބޭނުންވާ ބިން ހޯދުމަށް ހިއްކާ ސަރަހައްދެކެވެ. ހިތަދޫ ޒޯން 2 މައިގަނޑު ގޮތެއްގައި ހިއްކަނީ އެ ސަރަހައްދު ގޮނޑުދޮށް ހިމާޔަތް ކުރުމަށެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢު ތެރެއިން ހިތަދޫ ޒޯން 1 ހިއްކުން / ފޮޓޯ: އައްޑޫލައިވް

މިމަސައްކަތް މިހާރު ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ވެން އޫޑް ކުންފުނިން އައްޑޫލައިވްއަށް ވިދާޅުވީ، ހިތަދޫގެ ޒޯން 2 ގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ މަސައްކަތަކީ އެހެން ސަރަހައްދުތަކާއި އެކު ނިންމާލަން ހަމަޖެހިފައިވާ މަސައްކަތެއް ކަމަށް ވަނީ ބުނެފައެވެ. އޭގެ އިތުރުން މިވަގުތު އެންމެ ބާރަށް ކުރިއަށް ދަނީ ޒޯން 1 ގެ މަސައްކަތް ކަމަށާއި، މިމަސައްކަތް މިމަހުގެ މެދާ ހިސާބަށް ނިންމާލާނެ ކަމަށް ވަނީ ބުނެފައެވެ.

ޒޯން 1 ގެ މަސައްކަތް ނިންމުމަށް ފަހު ޒޯން 2 ގައި ކޮންމެވެސް ވަރަކަށް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެން އޫޑުން ބުނެއެވެ. އަދި ދެން ހިއްކަން ފަށާނީ ރިސޯޓުތައް ކަމަށާއި، ފުރަތަމަ ހިއްކާނީ ހިތަދޫ ފަޅުގައި އުތުރުން ހިއްކަން ތައްޔާރު ކޮށްފައިވާ ރިސޯޓު 1 ކަމަށް އެކުންފުނިން ބުނެއެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ވެން އޫޑް ކުންފުނިން ފަޅުތެރެއިން 3 ރިސޯޓު ތަރައްޤީ ކުރާނެ ރަށް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެއީ 8.3 ހެކްޓަރު 3 ރަށެވެ. މި ރަށްތަކަކީ އައްޑޫގައި ފަތުރުވެރިކަމަށް ބޭނުންވާ އެނދުތައް ތަރައްޤީ ކުރުމަށް ހިއްކާ ރަށްތަކެވެ. މި ރަށްތަކުގެ އިތުރުން އެހެން މަޝްރޫޢުއެއްގެ ތެރެއިން އިތުރު ދެ ރަށެއް ހުޅުދޫ-މީދޫ ކައިރިން ހިއްކުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއާއި އެކު ޖުމްލަ 5 ރަށެއް ހިއްކިގެން ދާނެއެވެ.