Last Updated: September 19, 21:36
Friday, September 20, 2024
ޚަބަރު

ފްލެޓް މަރާމާތަށް ދޭން ބުނި ފައިސާ އަދިވެސް ނުލިބޭ!

ކުރީގެ ރައީސް ނަޝީދް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފޭދޫގައި އިމާރާތް ކުރި ހައުސިން ޔުނިޓް ހަވާލު ކުރި ފަރާތްތަކަށް އެތަން މަރާމާތު ކުރުމަށް ދޭން ބުނި ފައިސާ ނުލިބުމުގެ ޝަކުވާ ފްލެޓް ތަކުގެ ވެރިން ކުރަން ފަށައިފިއެވެ.

ރައީސް ނަޝީދުގެ ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ދަށުން އިމާރާތް ކުރި ފަންސަވީސް ހައުސިން ޔުނިޓް ހަވާލުކޮށްފައިވަނީ އިމާރާތް ކުރިތާ ތިން އަހަރުވާން އުޅެނިކޮށް މިދިޔަ އޮގަސްޓް މަހުއެވެ.

ފްލެޓްގައި ދިރިއުޅެމުން އަންނަ މީހަކު ބުނީ ފްލެޓް ހަވާލު ކުރުމަށް، އައި ހައުސިން މިނިސްޓްރީގެ އޮފިޝަލުން ވަނީ ފްލެޓް ތައް މަރާމާތު ކުރުމަށް ފައިސާ ދޭނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަށް ފްލެޓް ހަވާލު ކުރުމަށް ބޭއްވި ބައްދަލުވުމުގައި، ފްލެޓް ލިބުނު އެންމެންގެ ޝަކުވާ އަޑު އެހުމަށްފަހު އެތަންތަން މަރާމާތު ކުރުމަށް ހިނގާނެ ހަރަދަށްވާ ފައިސާ ދޭން ވަނީ ބުނެފައި. އަދި ފްލެޓްގެ ތަޅުދަނޑި ހަވާލު ކުރި އިރު ފްލެޓްގައި ހުރި މައްސަލަ ލިއުމަށް ރަށު އޮފީހުން ފޯމެއް ދިން، އަހަރަމެން އެފޯމު ފުރާފައި އޮފީހާއި ހަވާލު ކުރިތާ ދެ މަސް މިވަނީ އަދިވެސް އެތަންތަން މަރާމާތު ނުކުރެވި މިތިބީ"

ފޭދޫގެ ދެ ސަރަހައްދެއްގައި ހަދާފައިވާ ފްލެޓްތަކުގެ ބައެއް ދޮރުތައް ވަނި ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަދި ބައެއް ފްލެޓް ތަކުން، ފެން ލީކް ކުރާއިރު، ބައެއް ތަންތަނުގެ ކަރަންޓް މައްސަލަ އުޅޭ ކަމަށް އެތަނުގެ ވެރިން ބުނެއެވެ.

ފްލެޓްގެ މައްސަލާގައި ފޭދޫ އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން ލަތީފް އަލީ މިއަދު ވިދާޅުވީ ފްލެޓްތަކުގެ މަރާމާތު ކުރަން ޖެހޭ މައްސަލަ ތައް ފާހަނގަކޮށް ހައުސިން މިނިސްޓްރީއަށް ލިއުންތައް ފޮނުވާފައިވާ ކަމަށެވެ.

ތިން ކޮޓަރިއާއި ހަތަރު ފާޚާނާ އާއި ސިޓިން އަދި ބަދިގެ ހިމެނޭ ގޮތަށް ދެ ބުރިއަށް އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކަށް މަހަކު 3000 ރުފިޔާ ދައްކަން ޖެހޭއިރު ޔުނިޓްތައް އަމިއްލަ ކުރެވޭނީ 20 އަހަރުންނެވެ.