Last Updated: April 21, 16:03
Monday, April 21, 2025
ދުނިޔެ

މޮންގޯލިއާ އިން ބިލިއަން ގަސް އިންދަނީ

ޖަންގަލިތައް ނެތިދިއުމާއި ހަނަފަސްކަމާ ދެކޮޅަށް މޮންގޯލިއާ އިން އެއް ބިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

އެ ގައުމުގެ 2050 ގެ ތަސައްވުރާ ގުޅުވައިގެން މި ޕްރޮގްރާމް ރަސްމީކޮށް އިއުލާންކުރީ 2021 ގަ އެވެ. އެގޮތުން ބިލިއަން ގަސް އިންދަން އަމާޒު ހިފި ޕްރޮގްރާމް ކުރިއަށް ގެންދަނީ ތިން ފޭހަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފޭހުގައި ހިމެނެނީ 2021-2024، ދެވަނަ ފޭހުގައި ހިމެނެނީ 2024-2026 އަދި ތިން ވަނަ ފޭހުގައި ހިމެނެނީ 2027-2030 އެވެ.

ދެހާސް ތިރީހާ ހަމައަށް އަންނަ އިރު، މޮންގޯލިއާގެ އެކި ހިސާބުތަކުގައި އެއް ބިލިއަން ގަސް އިންދަން އަމާޒު ހިފާފައިވާ އިރު، ކޮންމެ މީހަކު އެވްރެޖްކޮށް މަދުވެގެން ތިން ގަސް އިންދާނެ އެވެ. އިރުމަތީ އޭޝިއާ އަށް ނިސްބަތްވާ މޮންގޯލިއާގެ މިހާރުގެ އާބާދީ އަކީ 3.4 މިލިއަނެވެ.

އެ ގައުމުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ކަނޑައަޅާފައިވާ އަމާޒާ އެއްގޮތަށް ގަސް އިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންދެވިއްޖެ ނަމަ މޮންގޯލިއާގެ ހަނަފަސްވެފައިވާ 120 ހެކްޓަރު ބިމުން ހަތަރު ޕަސެންޓް ދަށްކޮށްލެވޭނެ އެވެ.

މޫސުމީ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ތިމާވެށީގެ އެކި ކަހަލަ ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވެ އެވެ. އެހެންވެ ގިނަ އަދަދަކަށް ގަސް އިންދަން ބޮޑެތި ޕްރޮގްރާމްތައް މި ފަހުން ވަރަށް ގިނަ ގައުމުތަކުން ކުރިއަށް ގެންދެ އެވެ.