ރިޔާސީ ކެންޑިޑޭޓުންގެ މާލީ ބަޔާން އޮންނަން ޖެހޭ ގޮތުގެ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.
މިކަމާ ބެހޭ ގޮތުން އޮޑިޓަ ޖެނެެރަލްގެ އޮފީހުން ބުނީ ރިޔާސީ ކެންޑިޑޭޓުންގެ މާލީ ބަޔާނާއި ގުޅޭ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން އެ އުސޫލު އެކުލަވާލައި އާންމުކުރާނެ ކަމަށެވެ.
އޮޑިޓަ ޖެނެރަލް އޮފީހުން ބުނީ އެ މަސައްކަތް ކުރިއަށް ގެންދަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރޮޓީ (އެމްއެމްއޭ) ގުޅިގެންނެވެ. އަދި މިހާރު އުސޫލާ ގުޅޭ ޑްރާފްޓެއް އެކުލަވާލައި އެއަށް ތިން މުއައްސާގެ މެދުގައި އަންނަނީ މަޝްވަރާ ވެސް ކުރަމުންނެވެ.
ރިޔާސީ އިންތިހާބުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ކެންޑިޑޭޓު ކެމްޕޭނަށް ހުޅުވާ ބޭންކު އެކައުންޓުންކޮށްފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެ ބޭންކު ސްޓޭޓްމަންޓްގެ އިތުރަށް ސައްހަ މައުލޫމާތުކަން އަންގައިދޭން ފައިސާގެ ރަސީދާއި އިންވޮއިސް އަދި ބިލުތަކުގެ ކޮޕީ ވެސް މާލީ ބަޔާނާ އެކީ ހުށަހަޅަން ޖެހެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރަން ބޭނުންވާ ކެންޑިޑޭޓަށް ނަން ހުށަހެޅުމުގެ ފުރުސަތު އީސީން މި މަހުގެ 23 ގައި ހުޅުވާލައިނާ އެވެ. އީސީން މިހާރު ކެންޑިޑޭޓުންނަށް ކެމްޕޭނާ ގުޅޭ ހަރަދުތަކަށް ހާއްސަ އެކައުންޓް ފަސޭހަކޮށް ހުޅުވޭނެ އިންތިޒާމު ވެސް ހަމަޖައްސައި ދޭން މަސައްކަތްކުރަމުންނެވެ.
އީސީން ބުނި ގޮތުގައި ކެންޑިޑޭޓުން އންތިހާބަށް ކުރާ ހުރިހާ ހަރަދަކާއި ކެމްޕޭނަށް ލިބޭ ހުރިހާ ފައިސާގެ މުއާމަލާތްތަކެއް ހިންގަން ވަނީ އެ އެކައުންޓްތަކުންނެވެ.