ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބެންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނު އަސާސީ ވުޖޫދަށް އައުމުގެ އެއް މަޤްސަދަކީ މިނިވަންކަމާއި، އިންސާފުވެރިކަމާއެކު، ޢަދުލު އިންޞާފު ޤާއިމުކޮށް ރައްޔިތުންގެ އަސާސީ ހައްްޤުތަކާއި މިނިވަންކަން ކަށަވަރު ކުރުން ކަމަށެވެ.
އަދި ކޮންމެ ދިވެހި ރައްޔިތަކަށް ވެސް މި ހައްޤުތަައް ފުރިހަމައަށް ލިބެންޖެހޭ ކަމަށާއި އެއީ ޔާމީން ކަމަށްވިޔަސް ނުވަތަ އެހެން ދިވެހިރައްޔިތެއް ކަމަށް ވިއަސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މިއަދު ޤާނޫނު އަސާސީން ލިބިދޭ އަސާސީ ހައްޤެއް އަދި އެއީ އިންސާނީ ހައްްޤެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
އެގޮތުން ލަސްވުމެއް ފަސްވުމެއް ނެތި ޢަދުލު ވެރިކަމާއި، ހަމަ ހަމަކަމާއެކު، އިންސާފު މި ޤައުމުގައި ޤާއިމް ކުރެވެން ވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"މިއަދު އުފެދޭ ސުވާލަކީ، މިއަދުގެ ސަރުކާރުގެ މިސްރާބު މިހުރީ، އިންސާފުގެ މަޤު ހޯދުމަށް ކުރި ދަތުރުގަައި ، ހުރިހާ ބާރުވެރިކަމެއް ލިބުމުން އެ ވަޢުދުވި ގޮތަށްތޯއެވެ؟" ގާސިމް ވިދާޅުވި އެވެ.
ގާސިމް މިހެން ވިދާޅުވިއިރު ޔާމީންގެ އެދިވަޑައިގަތުމަކަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ އިސް ބޭފުޅުން މިއަދު ވަނީ ގާސިމްއާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ކަމަށް ޖޭޕީން ބުނެ އެވެ.
ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. ދައުވާތައް ސާބިތުވުމުން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކޮށްފަ އެވެ. އެ ހުކުމުގެ އިސްތިއުނާފް ޝަރީއަތްތައް މިހާރު ހައިކޯޓުގައި ވަނީ ނިމުމަކާ ގާތަށް ގޮސްފަ އެވެ.
ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާއިރު އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ވެސް އެމަނިކުފާނަށް ވަނީ ދައުވާތަކެއްކޮށްފަ އެވެ. އެ މައްސަލައިގައި ޔާމީނަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެ މައްސަލައިގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.