ކުޅިވަރު މައިދާނުގައި "ބަލަކް" ގެ ނަމުން މަޝްހޫރު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަލުން ރާއްޖޭ ފުޓްބޯޅަ އަށް ހިދުމަތްކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ އެވެ.
އޭނަ އަލުން ރާއްޖޭގެ ކުޅިވަރަށް ހިދުމަތް ކުރެއްވުމުގެ ޝައުގުވެރިކަން އޮތް ވާހަކަ ފާޅުކުރެއްވީ މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ފެންމަތިވި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ދައުވާކޮށްފައި ވަނީ ރާއްޖެ އިން ބޭރަށް ވަޑައިގެން އިނގިރޭސވިލާތުގައި އުޅުއްވާތާ ތިން އަހަރެއްހާ ދުވަސް ފަހުން އިއްޔެ ރާއްޖެ ވަޑައިގެން މީޑިއާތަކާ ވާހަކަ ދައްކަވަމުންނެވެ.
ބަލަކް ވިދާޅުވީ މިހާރު އޭނަގެ ސަމާލުކަން ހުރީ ފުޓްބޯޅައިގައި މަސައްކަތް ކުރެއްވުމަށް ކަމަށެވެ.
"އަޅުގަނޑުގެ ވިސްނުން މި ހުރީ ކްލަބް ފުޓްބޯޅަ އަށް ހަމަ ވަންނަން." އޭނަ ވިދާޅުވި އެވެ.
ނަމަވެސް މަސައްކަތް ކުރައްވާނީ ކޮން ކްލަބެއްގައި އަދި ކޮން ގޮތަކަށް ކަމެއް ވިދާޅެއް ނުވެ އެވެ. އެކަމަކު ބަލަކްއާ ގާތް ގުޅުމެއް އޮންނަ އަދި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑޭ) ހިއްސާ އޮންނަ، ނިއު ލެގޫންސް ކްލަބާ ބަލަކް ހަވާލުވެވަޑައިގަންނަން އުޅުއްވާކަމުގެ އަޑުތަކެއް އަރާފައިވެ އެވެ.
ބަލަކް ވިދާޅުވި ގޮތުގައި ފުޓްބޯޅައިގައި ކުރިއަށް ވަޑައިގަންމަވަން ނިންމަވާ ގޮތް މި މަހުގެ 20 ގައި ފާހަގަ ކުރާ އުފަން ދުވަހު އިއުލާން ކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭމްގެ ލީޑަޝިޕަށް ދިއުމަކީ ފައިސާ ހުރި ނަމަ މަދަމާ މިހާރު ވެސް ކުރަން ފަސޭހަ ކަމެއް ކަމަށެވެ.
"އެފްއޭއެމްގެ ރައީސްކަމަށް އާދެވޭނެ ވަކިވަރަކަށް ލާރި ހުރިއްޔާ މިހާރު ވެސް މާދަމާ ހެނދުނު އިރުއަރާ އިރު ވެސް. ބަޓް އައި ޑޯޓް ވޯންޓް ދެޓް. ކޮބާތޯ އޭގެ ބޭނުމަކީ. ހުރިހާ ކްލަބްތަކެއްގެ މީހުން އެތަނަށް ލައިގެން އެމީހުންނަށް ކޮންމެ ދުވަހަކު ސަބްސިޑީ ދީގެން،" ބަލަކް ވިދާޅުވި އެވެ. "އެއެއް ނޫން އެފްއޭއެމް ހިންގަންޖެހޭ ގޮތަކީ. އެހެން ހިންގީމަ މިހެން މިވީ،" ކުރިން ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ވެސް ކުރެއްވި އަލީ ވިދާޅުވި އެވެ.
ބަލަކް ވަނީ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަންކަން ކުރައްވައި އެ ކުލަބަށް ގިނަ ކާމިޔާބީތަކެއް ވެސް ހޯއްދަވައި ދެއްވައިފަ އެވެ. އަދި ގައުމީ ޓީމު ކޮމިޓީގެ ޗެއާމަންކަން ވެސް ކުރެއްވި އެވެ.