މިއަދު ހެނދުނު ހޭލައިގެން ކޮންމެވެސް ހާސަރުތަކެއް ގަތައިލައި
އައްޑޫލައިވަށް ފޮނުވާންކަމަށް ގަލަން ނަގައިގެން އިނދެއިނދެ
ކުރިއަށްދާގޮތެއް ނުވިއެވެ. އެހެންއެވީ އާއްމުކޮށް ބޮލަށް އަރާފައި
އިންނަ ސިޔާސީ ޖިންނި މިއަދު ޕިކްނިކް ދިޔައިމައެވެ. އެސޮރު ބޮލަށް
ސަވާރުވެފައި އިނިއްޔާ ސިޔާސީ ނޫންކަމެއް ބޮލަކަށް ނުވައްދައެވެ. މިއަދު
ޚިޔާލުތައް މިއެނބުރެނީ ގޮނޑުދޮށްތަކާއި ކުޅިކުޅީގެ ވަށައިގެންނެވެ. ދެން
މާރޮމޭންޓިކް ދުވަހަކަށް ވަނީވެސް ތޯއްޗެކެވެ. އެހެންވީމާ މިއަދު ވާހަކަ
ދައްކާނީ އައްޑުއަތޮޅުގެ ފަޅު ރަށްރަށުގެ ނަންނަމާއި ބޭހޭގޮތުންނެވެ.
އައްޑޫ މީހުން ނަން ކިޔާގޮތާއި މާލޭ މީހުން ކިޔާގޮތުގެ ތަފާތާއި
ބެހޭގޮތުން ވާހަކަ ދައްކާންވެގެންނެވެ.
މީދޫ ފަޅުތެރޭގައި އޮންނަ އެންމެ ބޮޑު ފަޅުރަށަށް ފަތުރުވެރިކަމާ ބެހޭ
ކުރީގެ ވަޒީރު ޑރ މަރިޔަމް ޒުލްފާ ވިދާޅުވި ނަމަކީ އިސްމާއީލް ހުރާ އެވެ.
އައްޑުއަތޮޅު މީހުން ކިޔައި އުޅޭ ނަމަކީ އިސްމެހެލާހެރަ އެވެ. ސިޓީ
ހޮޓަލެއް އަޅާންކަމަށް ތަންކޮޅެއް ކުރީގެ ދުވަސްވަރެއްގައި ޚާއްސަ
ކުރެވުނު ސަރަހައްދުގެ ނަމަކަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ
ވެބްސައިޓުގައި ލިޔެފައިވަނީ ހަންކޮޅު އެވެ. އެކަމަކު އައްޑުއަތޮޅު
މީހުން ކިޔަނީ ހަންކެޑެ މިހެންނެވެ.
ހުޅުދޫ ރަށްފަތި ނުވަތަ ހެރެތެރޭގައި އައްޑޫ މީހުން ފިރިހެންދާހެރަ ކިޔާ
ރަށަކާއި ކަޅަދިޔަރަށް ކިޔާ ރަށެއްވެސް އޮވެއެވެ. އެއްފަހަރަކު
އެމްޓީޑީސީގެ މެނެޖިން ޑިރެކްޓަރަކަށް ކުރިން ހުންނެވި މިހާދު
މިރަށްރަށުގެ ވާހަކަ ދެއްކެވިއިރު ބޭނުންކުރެއްވީ ފިރިހެނުންދާ ހުރާ އާއި
ކަޅުކަނބުލޯ ރަށް މިހެންނެވެ.
ދާދިފަހުން ކޯސްޓުގާޑުގެ އިސް އޮފިސަރަކާއެކު ބޭއްވުނު
ބައްދަލުވުމެއްގައި އައްޑުއަތޮޅު ކަނުހުރާގެ ވާހަކައެއް ތަންކޮޅެއް
ގިނައިން ދެއްކެވީމާ އެއީ ކޮން ކަނުހުރާއެއްތޯ އަހައިލެވުނެވެ.
ވިދާޅުވިއެވެ. އެއީ އައްޑުއަތޮޅު އުތުރުދުނީގެ ދެފަރު ދޭތެރޭގައި އޮންނަ
ރަށެވެ. އޭނާ އެވިދާޅުވާ ރަށަކީ އައްޑޫ މީހުން އެކިޔާ ކަނޑިހެރަކަން
އެނގުނީ ދެނެވެ.
ކޮންމެއަކަސް އައްޑޫ މީހުން ބޭނުންކުރާ ނަންނަމާއި މާލޭ މީހުން
ބޭނުންކުރާ ނަން ތަފާތުކަން މިއޮތީ ސާބިތުވެފައެވެ. މިތަފާތެއް މިއަންނަ
ހިސާބަކީ ނަން ތަރުޖަމާކުރެވޭ ހިސާބެވެ. ނަމަކީ އޭގެ ހަމަތަކަށްބަލާއިރު
ތަރުޖަމާކުރެވޭ އެއްޗެއް ނޫނެވެ. އެކަމަކު މާލޭ މީހުން އައްޑުއަތޮޅުގެ
ފަޅުރަށްރަށުގެ ނަން ކިޔަނީ މާލޭ ބަހަށް ތަރުޖަމާކޮށްގެންނެވެ.
މިހެންވީމާ އަޑުއަހާއިރު ހިންނިއަންނަގޮތް މެދުވެރިވާ ކަހަލަ
ނަންތައްވެސް އެބަހުއްޓެވެ.
މީހުން ކިޔައެވެ. ދެން އިސްމާއީލުހުރާ ނުވަތަ އިސްމެހެލާހެރަ
ތަރައްގީވާނީ ރިސޯޓަކަށެވެ. މިހެންކިޔާތާ މިހާރު ހައެއްކަ
އަހަރަށްވުރެވެސް ގިނަވެދާނެއެވެ. އެކަމަކު މިކަން ކުރާންއުޅޭ ބަޔަކާ
އަދި ދިމަލެއް ނުވެއެވެ. އަދިވެސް އެއީ ހުރާގަނޑެކެވެ. އިސްމެހެލާހެރައާ
ޖެހިގެން ހުޅަނގަށް އަދި އެހެން ހުރާގަނޑެއް އެބައޮތެވެ. މިހުރާގަނޑަށް
އައްޑޫ މީހުން ކިޔަނީ ކެޑެވާހެރަ މިހެންނެވެ. އަސްތާ މިނަން މާލޭ މީހުން
ކިޔާނެ ގޮތަކާ ދޭތެރޭ ވިސްނާލިޔަސް އަންނަނީ ހިންޏެވެ. މިހާރުގެ އުސޫލުން
އެކަންކުރާނަމަ ޔަގީންވާ އެއްޗަކީ ޓީވީތަކާއި ރޭޑިއޯތަކުން
އެނަންކިޔާއިރު މައިންބަފައިންނާއި ދަރީންނަށް އެއަޑު އަހާން އެއްތާކު
ތިބެން ފަސޭހަ ނުވާނެ ކަމެވެ