ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސް އަށް މިރޭ ސޮއިކުރައްވައިފި އެވެ.
ނަޝީދު ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވީ މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާ ފެށުމުގެ ކުރިންނެވެ.
ނަޝީދުގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި އެމްޑީޕީގެ ކުރީގެ ބައެއް އެކްޓިވިސްޓުން ވެސް ޑިމޮކްރެޓްސް އަށް ސޮއިކޮށްފައިވެ އެވެ.
ނަޝީދުގެ އަރިސް ބޭފުޅުން "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް އުފައްދަން މަސައްކަތް ފެށުމާއެކު އެމަނިކުފާނު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.
ރައީސް ނަޝީދާއި އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ހިޔާލުތަފާތުވުންތައް ބޮޑުވީ ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއަށްފަހު އެވެ. އޭގެފަހުން ދެބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ ރައީސް ނަޝީދު ވަނީ ރައީސް ސޯލިހާ އެމްޑިޕީގެ ރިޔާސީ ޕްރައިމަރީގައިވެސް ވާދަކުރައްވާފަ އެވެ. އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ރައިސް ސޯލިހެވެ.
ޑިމޮކްރެޓްސް އިން ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރުމަށް ވެސް ނިންމައިފަ އެވެ.