އައްޑޫގެ ހަ ސަރަހައްދެއްގައި ތަރައްޤީކުރުމަށް ނިންމާފައިވާ ޕާކްތަކަށް ބޭނުންވާ ސާމާން ހޯދުމަށް ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސެއިން ހިލްމީގެ އާއިލާއަށް ދޭ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފިއެވެ.
މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ހަދާ ޕާކްތަކަށް ބޭނުންވާ ސާމާން ހޯދުމަށް ހަވާލުކޮށްފައިވަނީ ހުސެއިން ހިލްމީގެ މަންމަގެ ނަމުގައި ރެޖިސްޓްރީ ކޮށްފައިވާ "ބަލީނޯ"އިންނެވެ.
އައްޑޫގެ ޑެޕިއުޓީ މޭޔަރ އަދި ބިޑް އިވެލުއޭޝަން ކޮމެޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޠޮއްޔިބް (ޓޮމް) ވިދާޅުވީ ޕާކަށް ބޭނުންވާ ތަކެތި ހޯދުމަށް ބަލީނޯއާއި ހަވާލު ކުރުމުގައި، ނުފޫޒުގެ ބޭނުންކޮށްފައި ނުވާނެކަމަށެވެ. އަދި އެގޮތަށް އެކަން ނުކުރެވެން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ޓޮމް ވިދާޅުވިއެވެ.
ޓޮމް ވިދާޅުވީ ހުސެއިން ހިލްމީގެ އާއިލާއަކީ ހިތަދޫގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ކުންފުންޏަކަށް ވެފައި، އެކުންފުނިން ބިޑްގައި ބައިވެރި ނުކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
އައްޑޫގެ ހަ ސަރަހައްދެއްގައި ޕާކް ހެދުމަށް ފަސް ފަރާތަކުން ކުރިމަތި ލުމަށްފަހު ފަހު ވަގުތު އެއްފަރާތަކުންވަނީ ބިޑް އަނބުރާ ގެންގޮސްފައެވެ. ޓޮމް ވިދާޅުވީ އެހެންވެ ބިޑްގައި ބައިވެރިވެފައިވަނީ 4 ފަރާތަކުން ކަމަށެވެ.
އޭސީސީން ބުނީ ޕާކް ތަރައްޤީ ކުރުމަށް ކައުންސިލަރެއްގެ މަސްލަހަތު އޮންނަ ފަރާތަކަށް ހަވާލުކުރި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވާލު ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއު މިހާރުވަނީ ފަސްކޮށްފައެވެ.