Last Updated: November 29, 14:10
Friday, November 29, 2024
ޚަބަރު

ގަން އެއާޕޯޓަށް 75 މިލިއަން ރުފިޔާގެ ގެއްލުން

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ އަހަރު 75.98 މިލިއަން ރުފިޔާގެ ގެއްލުންވެއްޖެ އެވެ.

އެތަނާ ގުޅޭ ގޮތުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރައިޒޭޝަން ބޯޑް (ޕީސީބީ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު، މިދިޔަ އަހަރު ގަން އެއާޕޯޓަށް ވި ގެއްލުމަކީ 2018 ގެ ފަހުން މިހާތަނަށް ލިބުނު އެންމެ ބޮޑު ގެއްލުމެވެ. ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އިންޓަނޭޝަނަލް އެއާޕޯޓަށް މާލީ ގޮތުން ލިބުނު ގެއްލުންތަކަށް ބަލާ އިރު 2021 ގައި 65.64 މިލިއަން ރުފިޔާ، 2020 ގައި 75.2 މިލިއަން ރުފިޔާ، 2019 ގައި 54.6 މިލިއަން ރުފިޔާ އަދި 2018 ގައި 45.9 މިލިއަން ރުފިޔާ ގެއްލުންވެފައިވެ އެވެ.

މި އަދަދުތަކަކާ އެކީ ގަން އެއާޕޯޓް ހިންގާ ކުންފުނި، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ގެ ކުންފުނީގެ ދިގު މުއްދަތުގެ ދަރަނި 513 މިލިއަން ރުފިޔާ އަށް އަރަ އެވެ. އަދި ކުރު މުއްދަތުގެ ދަރަނި 638 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ފާއިތުވި ހަތަރު އަހަރުގެ ގެއްލުން 271 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ޕީސީބީން ފާހަގަކޮށްފައިވާ ގޮތުގައި މި އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ކުރިއެރުންތަކެއް ނުލިބި ގެއްލުމުގައި ހިންގަން ޖެހުމުގެ މައިގަނޑު ސަބަބަކީ އައްޑޫގެ ޓޫރިސްޓް އެނދުތައް މަދުވެ، އިންޓަނޭޝަނަލް ފްލައިޓްތައް ބޭއްވުމުގެ ފުރުސަތު ވެސް ނެތުމެވެ. މި ވަގުތު ގަމަށް ދަތުރުތައް ބާއްވަނީ ހަމައެކަނި ސްރީ ލަންކަން އެއާލައިންސުންނެވެ.

އައްޑޫގައި އޮތް ހަތަރު ރިސޯޓްގެ ތެރެއިން މި ވަގުތު އޮޕަރޭޝަންގައި އޮތީ ކެނަރީފާއި ސައުތު ޕާމް ރިސޯޓްގެ އިތުރުން ގަމުގެ އީކްއޭޓަ ވިލެޖެވެ. ކޮވިޑާ ވިދިގެން ބަންދުކުރި ގޮތަށް ޝަންގްރިއްލާ ރިސޯޓް އޮތީ އަލުން ނުހުޅުވި އެވެ. އައްޑު އަކީ ގެސްޓްހައުސްތަކެއް ވެސް ހިންގަމުން އަންނަ ތަނެކެވެ.

ގަން އެއާޕޯޓް ގެއްލުމުގައި ހިންގަމުންދާ އިރު، މި އެއާޕޯޓް ތަރައްގީކުރަން ބޮޑު މަޝްރޫއެއް ވެސް ސަރުކާރުން އޮތީ ފަށައިފަ އެވެ. އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއަކީ އެ ގައުމުގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 29.7 މިލިއަން ޑޮލަރު (455.8 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.

އަހަރަކު 1.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ގޮތަށް ގަން އެއާޕޯޓް ތަރައްގީކޮށް ނިންމަން ހަމަޖެހިފައި ވަނީ 2025 ގަ އެވެ.