ކުދި ރަށްރަށަށް ތަރައްގީ ނައިސް އޮތީ ކުރީގެ ވެރިން ސިޔާސީ ވިސްނުން އިސްކުރުމުން ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މ. ނާލާފުއްޓަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ރައްޔިތުންނަށް ލިބެންޖެހޭ އަސާސި ހިދުމަތްތައް ލިބެންޖެހޭނީ އެއްވެސް ތަފާތު ކުރުމެއް ނެތި ކަމަށާއި، އެ ރައްޔިތަކު ހުރި ތަނަކުން އަސާސި ހިދުމަތްތައް ލިބެންޖެހޭނެ ކަމަށެވެ.
ނާލާފުށީ ފެނާ ނަރުދަމާ ނިޒާމު ތަރައްގީ ކުރުމަށް ބަޔަކާ ހަވާލު ކޮށްފައިއޮތްނަމަވެސް އެ މަސައްކަތް ދާންވީ ސްޕީޑުގައި ނުގޮސްއޮތްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އެގޮތަށް ބައެއްފަހަރު ދިމާވަނީ މަސައްކަތްތައް ހަވާލުކުރެވޭ ބައެއް ކުންފުނިތަކުން މަސައްކަތް ކުރުމުގައި ފަހަތަށް ޖެހޭތީ ކަމަށެވެ. އެހެންނަމަވެސް އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވޮއެވެ. ނާލާފުށީގައި އާ އިންޖީނުގެއަކާ ފެނަކަ އޮފީހުގެ މަސައްކަތް ނިމި މިއަދު ހުޅުވޭކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވި އެފަދަ މަޝްރޫއުތަކަކީ ކުރިއަށް އޮތް 40، 50 އަހަރަށް ދެން އެފަދަ ކަމެއް ކުރަން ނުޖެހޭ ގޮތަށް އަމާޒު ހިފައިގެން ކަމަށެވެ.
"މި ވޭތުވެދިޔަ ތަނުގައި މިފަދަ ކުދިކުދި ރަށްރަށަށް ތަރައްގީ ނައިސް މިއޮތީ، އޭރަކު ހުންނެވި ވެރިއެއްގެ ސިޔާސީ ވިސްނުން އިސްކުރާތީ. އަބަދުވެސް ފެންނަނީ ކުރިއަށްއޮތް 5 އަހަރުގެ ތެރޭގައި ބާއްވާ އިންތިހާބު. އެހެންވީމާ އަމާޒުހިފަނީ ވޯޓުލިބޭ ތަންތަނަށް އެކަނި، ގިނައިން ވޯޓުހުރި ތަންތަނަށް." ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަފާތު ކުރުމެއްނެތި ހިދުމަތްތައް ފޯރުކޮށްދެމުންދަނީ ރައްޔިތުންގެ ދިރިއުޅުން ތަރައްގީ ކުރުމަށްޓަކައި ކަމަށެވެ.
ނާލާފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބަނދަރުގެ މައްސަލަކަމަށާއި މިސަރުކާރުގައި އެންމެ ފުރަތަމަވެސް ކުރީ އެ މަސައްކަތް ކަމަށެވެ. އެހެންނަމަވެސް ބަނދަރުގެ ޖާގަ ކުޑަވުމުން، ބަނދަރު ބޮޑު ކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ. ނާލާފުއްޓާއި މ. މުލި ގުޅާލުމަކީ ވައުދެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ދެ ރަށް ގުޅުމާލުމުން ނާލާފުށިން ލިބެންނެތް ހިދުމަތްތައް ހޯދުމަށް އެއްގަމުމަގުން މުއްޔަށް ދެވޭނެ ކަމަށާއި، އެ މަސައްކަތް އޮތީ ޕްލޭން ކުރެވިފައި ކަމަށެވެ. އަދި މުލީ އެއާޕޯޓް ނިމުމާއެކު ދެރަށް ގުޅާލުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ތަރައްގީގެ މަސައްކަތްތަކަށް ފޯކަސްކޮށްގެން މަސައްކަތް ކުރެވެނީ އަމާންކަން ގާއިމުކުރެވިފައި އޮތުމުން ކަމަށާއި، އަމާޒަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުން ކަމަށެވެ. އަދިކުރިއަށް އޮތް 5 އަހަރުވެސް ފެނިގެންދާނީ މިއަށްވުރެއް އަމާން އުފާވެރި ރާއްޖެއެއް ކަމަށް ވިދާޅުވިއެވެ.