Last Updated: May 3, 09:08
Saturday, May 3, 2025
ޚަބަރު

އިންތިޚާބު ކާމިޔާބުކުރާނީ އަޅުގަނޑު: ގާސިމް

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނީ އެމަނިކުފާނު ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް "ވީނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންތިހާބަށް ފޯމު ހުށަހެޅުމުގެ ވަގުތު ވެސް ކުޑަތަން ވަމުން އަންނައިރު އެކަމަށް ޕާޓީން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އިންތިހާބުގެ ކަންކަމާއި ބާރަށް ނޫޅެވިފައި ތިބީ އިންތިހާބާއި މެދު ޔަގީންކަން ނެތުމުން ނޫން ކަމަށާއި ނަމަވެސް، އަދި ކަންތައްތައް ހުރިގޮތުން މަޑުކޮށްލައިގެން ހުންނެވީ ކަމަށެވެ.

"އަޅުގަނޑުގެ އަމިއްލަ ނަފްސުން އެކަން ނުކުރިއަސް އަޅުގަނޑުގެ ޕާޓީން އެކަން ކުރަމުން އެބަގެންދޭ. އަޅުގަނޑުމެން އުތުރަށާއި ދެކުނަށް ކަނޑައަޅާފައި ހުރި ދެ ކެމްޕޭން މެނޭޖަރުން އެކަންތައް އެބަ ކުރައްވާ. ކޮންމެހެން މިބާވަތުގެ ކަމެއްގައި އިސްނެގުމަކީ މޮޅުވުމެއްވެސް ނޫން. އެހެން މުސްކުޅިންވެސް ބުނެެއުޅޭ،" ގާސިމް ވިދާޅުވި އެވެ.

"ވިސްނުންތެރިކަމާއިއެކު ކަމެއް ކުރީމައިކަން މޮޅުކަމަކަށް މިވަނީ. އެހެންވީމާ އިރާދަކުރެއްވިއްޔާ މިއިންތިހާބުގައި އަޅުގަނޑުމެން ކާމިޔާބުކުރާނަން. އެއްވެސް ޝައްކެއް ނެތް އަޅުގަނޑަކަށް."

ރިޔާސީ ރޭހަށް ނިކުންނެވުމަށް ގާސިމް ނިންމަވާފައިވާއިރު އޭނާ ވަނީ 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރައްވައިފަ އެވެ. މިއިން އެއްވެސް ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ހޯއްދެވިފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީން ނިންމީ ކޯލިޝަން ހަދަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު ދެއްވާފައިވަނިކޮށެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.

ހިޔާލު ފާޅުކުރައްވާ