އައްޑޫ ސްޓޭޑިއަމްގައި ކުރިއަށް ގެންދާ ޒޯން 8 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދި ފޭދޫ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
މިއަދު ހަވީރު ކުޅުނު ފައިނަލް މެޗްގައި ފުވައްމުލަކު ސްޕޯޓްސް އާއި ވާދަކޮށް ދި ފޭދޫ ސްޕޯޓްސް މޮޅުވެފައިވަނީ ދެ ޓީމް އެއްވަރުވެފަިއވަނިކޮށް މެޗް ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ޖެހި ލަނޑާއި އެކު 2-1 ލަނޑުން މޮޅުވެގެންނެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުން ކުޅިބަލަން ހާޒިރުވި މެޗްގައި، ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބި ބޭކާރުވެފައެވެ. މި މެޗަށް ސަޕޯޓް ކުރުމަށް ފުވަމުލަކުން 300 އެއްހާ މީހުން ހާޒިރުވި އިރު ދަނޑު ގުގުމާފައިވަނީ ފުވައްމުލަކު ސަޕޯޓަރުންގެ އަޑުންނެވެ.
މެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ދި ފޭދޫއިންނެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ފުވައްމުލަކު ސްޕޯޓްސްއިން ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
ފައިނަލް މެޗް ބައްލަވާ ލެއްވުމަށް ޒުވާނުންނާއި ކުޅިވަރާއި ބެހޭ ވަޒީރު މުހައްމަދު މަލީހް ޖަމާލް ވަޑައިގެންނެވި އިރު މެޗްގެ ޝަރަފްވެރި މެހްމާނަކީ ފޭދޫ ދާއިރާގެ މަޖްލިސް މެމްބަރު އިބްރާހިމް ދީދީއެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކީ ފޭދޫ ޓީމްގެ އިބްރާހިމް މަހުދީ ހުސެއިންއެވެ. މުބާރާތުގެ އެންމެ މޮޅު ކީޕަރަކީ ފުވައްމުލަކު ސްޕޯޓްސްގެ އަޒްމީއެވެ. މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ފޭދޫގެ އަލީ ނާފިއު (ކަޅޭ) ހޮވުނު އިރު މުބާރާތުގެ
ފެއާޕްލޭ ޓިމަކީ ދަނޑިމަގު ޒުވާނުންގެ ޖަމިއްޔާއެވެ.