މާދަމާ ރޭ އޮލިމްޕަހުގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ ޑައިރެކްޓަރު އަލީ ސީޒަންގެ ބިރުވެރި ފިލްމު "ކައުޝ" ގެ ސްރީ ލަންކާގެ ތަރިންތަކެއް މިއަދު ރާއްޖެ އަތުއްވެއްޖެ އެވެ.
ލަންކާގެ ކާސްޓެއް ހިމަނައިގެން ހެދި އެކަމަކު ދިވެހި ބަހުން އަޑު އަޅައިގެން ބެލުންތެރިންނަށް ގެނެސްދޭ ފިލްމުގެ ޕްރީމިއާ އަށް ރާއްޖެ އައީ "ކައުޝީ" ގެ ލީޑް ކާސްޓްގައި ހިމެނޭ އަމިލަ ކަރްނަނަޔަކަ އާއި ބިޔަންކާ އަމަރްސިންގް އެވެ. އެ ދެ ތަރިންނަށް ވެލާނާ އެއާޕޯޓުން މަރުހަބާ ކީ ސީޒަނެވެ.
"ކައުޝި" އަކީ 2017 ގައި މަސައްކަތް ފެށި ފިލްމެކެވެ. ލަންކާގައި ޝޫޓްކުރި މި ފިލްމަކީ ރާއްޖޭގެ މަޝްހޫރު މިއުޒިކީ ފަންނާނެއް ކަމަށްވާ އިބްރާހީމް ނިފާރު (ތިއްތި) ގެ ވާހަކައަކަށް ހަދާފައިވާ އެއްޗެކެވެ. "ކައުޝި" ކެމެރާކޮށްފައި ވަނީ އަބްދުﷲ ޝިވާޒް (މާސްކޭ) އެވެ.
މި ފިލްމު މާދަމާ ރޭ އޮލިމްޕަހުގައި ޕްރީމިއާކުރަން ތައްޔާރީތައްވަމުން އަންނަ އިރު، ޝޯތައް މި މަހުގެ 28 އާ ހަމައަށް ކުރިއަށް ގެންދަން އޮތީ ނިންމައިފަ އެވެ. އަދި ފިލްމުގެ ޓިކެޓް އަންނަނީ ވިއްކަމުންނެވެ.
މޯގެ އިތުރުން ރަށްރަށުގައި "ކައުޝި" އަޅުވަން ޝައުގުވެރިވާ ނަމަ ރަށު ޑިސްޓްރިބިއުޓަރު މެދުވެރިކޮށް އެ އިންތިޒާމު ސީޒަންގެ ޓީމުން ހަމަޖައްސައި ދޭނެ އެވެ.
ސީޒަން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މެއި މަހު އޮލިމްޕަހުގައި އެޅުވި އަދި އޭނަ ކުޅެ، ޑައިރެކްޓްކުރި އިރޮޓިކް ތުރިލާ "ލޯބިވެވިއްޖެ" އެވެ.