ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީ އަށް ޝައުގުވެރި ކަމެއް ނެތް ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ތިން ޕާޓީއަކުން ގުޅިފައިވާ ކެންޑިޑޭޓަކު ނެރުމަށް މަޝްވަރާކިރަން އިއްޔެ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އޮފީހުގައި ބޭއްވި ބައްދަވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ޕްރައިމަރީ އަށް ޝައުގެއް ނެތް ކަމަށެވެ. ނަޝީދު މި ގޮތަށް ވިދާޅުވީ އިރު، އަބަދު ވެރިކަމާ ހެދީ އުޅެން ނުވާނެ ކަމަށް ބ. ތުޅާދޫގައި މީގެ ދެ ރޭ ކުރިން ބޭއްވި ޖަލްސާއެއްގައި ވިދާޅުވެފައިވެ އެވެ.
ނަޝީދު ރައީސްކަން ކުރެއްވީ 2008-2012 އެވެ. އަދި އެ މަނިކުފާނަކީ ވެރިކަމުގެ ދައުރު ހަމަނުވަނީސް "އިސްތިއުފާ ދެއްވި" ރައީސެކެވެ.
ރިޔާސީ އިންތިހާބަށް ގުޅިފައިވާ ކެންޑިިޑޭޓެއް ނެރެން އިއްޔެ މަޝްވަރާތަކެއް ކުރީ ޖޭޕީ އާއި ޑިމޮކްރެޓްސްގެ އިތުރުން އެމްއެންޕީ އެވެ. އަދި އެގޮތަށް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވި އެވެ. މިގޮތަށް އެއްބަސްވި އިރު، ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމެވެ.
ގާސިމާއި ނާޒިމަށް ވެސް ޓިކެޓް ލިބިވަޑައިގަތީ ޕްރައިމަރީއަކާ ނުލަ އެވެ.
ނަޝީދު އެމްޑީޕީ ދޫކުރައްވައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވީ މި އަހަރުގެ ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ބޮޑުތަނުން ބަލިވެވަޑައިގަތުމުންނެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ. އަންނަ އާދީއްތަ ދުވަހު އިލެކްޝަން ކޮމިޝަން (އީސީ) އިންތިހާބުގައި ވާދަކުރަން ހުޅުވައިލާނެ އެވެ.