Last Updated: April 21, 15:31
Monday, April 21, 2025
ޚަބަރު

ޕީޕީއެމަށް އޮތް އުއްމީދަކީ ގާސިމް: އަމީން

އިދިކޮޅު ޕީޕީއެމަށް އޮތް އުއްމީދަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް ކަމަށް ގާސިމްގެ ތަރުޖަމާނު އަދި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ޖޭޕީން ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި އިވެންޓެއްގައި އަމީން ވިދާޅުވީ ރައްޔިތުންނަށްޓަކައި އިންތިޚާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާއެއް ނެރެދޭންޖެހޭ ކަމަށާއި މިހާތަނަށް ރާއްޖޭގެ 45 ވަރަކަށް ރަށަށް ދަތުރު ކުރެވުނުއިރު، ޕީޕީއެމްގެ ވަރަށް ގިނަ މެމްބަރުން ތިބީ އުއްމީދަކަށް ބޭނުންވެފައިކަން ފާހަގަކުރެވުނު ކަމަށެވެ.

"އެބޭފުޅުން އެބަ ބޭނުންވޭ ރިޔާސީ އިންތިޚާބަށް ހަތަރު އަހަރު، ފަސް އަހަރު ކުރި އިންތިޒާރަށް ކޮންމެވެސް ވަރެއްގެ ފޮނި ޖަވާބެއް ލިބެން. އަޅުގަނޑު ދަންނަވާނީ ޕީޕީއެމްއަށް އޮތް އުންމީދަކީ ޤާސިމް އިބްރާހިމްއޭ،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ މިވަގުތު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދިމާވެފައިވާ ހާލަތުން މިންޖުވެ، އަރައިގަނެވޭނީ ވެސް ގާސިމަށް މި ފުރުސަތު ލިބިގެން ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ގަބޫލު ކުރާކަމެއް. އެހެންވީމާ އަޅުގަނޑު ދަންނަވާނީ އިދިކޮޅުގައި މަސައްކަތް ކުރާ ހުރިހާ އެންމެންގެ އުންމީދު ހަގީގަތަކަށް ވާނީ ޤާސިމް އިބްރާހިމަށް މިފުރުސަތު ދެވިގެންނޭ،" އޭނާ ވިދާޅުވި އެވެ.

ކޮންމެ މީހަކީވެސް ވެރިކަމުގެ އުންމީދު ދެކޭނެ މީހެއް ކަމަށާއި ނަމަވެސް ގައުމަށްޓަކާ ކުރިއަށް އަދި ފަހަތަށް ޖެހެންވާ ވަގުތުތަކެއް ހުންނާނެ ކަމަށް އަމީން ވިދާޅުވި އެވެ. މީގެ އެންމެ ރަނގަޅު މިސާލަކީ ގާސިމް ކަމަށާއި ސަރުކާރާއި އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކަކުން ވެސް ގާސިމަށް މިފަހަރު ކުރިއަށް ދެތިން ހަތަރު ފިޔަވަޅު ކުރިއަށް އެޅުމަށް ފުރުސަތު ފަހިކޮށްދޭންޖެހޭ ކަމަށް އަމީން ވިދާޅުވި އެވެ.

ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގައި ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.