ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އާއި އައްޑޫ ސިޓީ ކައުންސިލް އަދި ޑޮކްޓާސް އެސޯސިއޭޝަން ގުޅިގެން ރޭ އައްޑޫގައި ފެށި " މަލްޓި ޕާޕަސް ހެލްތު ކޭމްޕް"ގައި ތެލެސީމިއާ އަދި ޑީއެންއޭ ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެހިފަިއވާ ކަމަށް ޝީއިން ބުނެފިއެވެ.
ޝީއިން ބުނީ މި ކޭމްޕުގައި ތެލަސީމިއާ ޓެސްޓަކަށް 500ގެ ފީއެއް ނަގާއިރު ޑީއެންއޭ ޓެސްޓް ހެދުމަށް 1000 ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. އަދި ޓެސްޓް ތަކުގެ ނަތީޖާ 14 ދުވަހުގެ ތެރޭގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ހުންނަ ޕަބްލިކް ހެލްތު ޔުނިޓުން ލިބޭނެ ކަމަށެވެ.
ރޭ އައްޑޫ ހައި ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކޭމްޕް ފައްޓަވާ ދެއްވީ އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ)އެވެ. މި ކޭމްޕު ހުޅުވުމުގެ ގޮތުން ޝީ ގެ 26 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް 26 ލެންޓޭން ވަނީ އައްޑޫ ސްޓޭޓް ސްކުއާގައި ރޯކޮށް ޖައްވަށް ދޫކޮށްފައެވެ.
ޝީއިން ފޯރުކޮށްދެމުންގެންދާ ގިނަ ހިދްމަތް ތަކާއި އެކު ކުރިއަށް ގެންދާ މި ކޭމްޕްގައި ތެލަސީމިއާ ޓެސްޓް ކުރުމަށް ބޭނުންވާ ފަރާތްތަކުން އައްޑޫގެ އެކި ސަރަހައްދު ތަކުން ޓެސްޓް ހެދޭނެ އިންތިޒާމް ވަނި ހަމަޖައްސާފައެވެ.
އެގޮތުން 16 ނޮވެމްބަރު ގައި ޝަރަފުއްދީން ސްކޫލުން ޓެސްޓު ހެދޭއިރު 17 ނޮވެމްބަރގައި ޓެސްޓް އޮންނާނީ ހިތަދޫ ސްކޫލްގައެވެ. އަދި 18 ވަނަ ދުވަހު އައްޑޫހައިސްކޫލްގައި ޓެސްޓް ހަދާއިރު، 19 ވަނަ ދުވަހު އޮންނާނީ ފޭދޫ ސްކޫލްގައެވެ.
19 ވަނަ ދުވަހު އިރުޝާދިއްޔާ ސްކޫލް، އަދި ހަމަ އެދުވަހު ހިތަދޫގައި ހުންނަ އައްޑޫ ފްރެންޑްސް އޮފީހުގައި ވެސް ޓެސްޓް ހެދޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ޝީ އިން ބުނީ ތެލެސީމިއާ ޓެސްޓް އާއި ޑީއެންއޭ ޓެސްޓް ހަދަން ބޭނުންވާ ހުޅުމީދޫ ރައްޔިތުންނަށް އެފުރުސަތު ހުޅުވާލާފައިވަނީ ނޮވެމްބަރު 20 ވަނަ ދުވަހު ސ. އަތޮޅު މަދަރަސާގައެވެ. އަދި ހަރަކާތް ނިންމާލުމުގެ ގޮތުން އެންމެ ފަހުން ޓެސްޓް ހެދުމަށް ނިންމާފައިވަނީ 21 ވަނަ ދުވަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައެވެ.