ބޭސްފަރުވާއަށް ޤައުމުން ބޭރަށް ދާން ޖެހި ނުވަތަ މާލެ ދާން ޖެހޭ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ނަމަވެސް ރާއްޖޭގެ ސިއްޙީ ޚިދުމަތް ފުޅާވެ، މީގެ ކުރިން ބޭރަށް ނުގޮސް ނުވަތ މާލެ ނުގޮސް ނުލިބޭ އެތަކެއް ޚިދުމަތެއް މިދަނީ ރަށްރަށުން ލިބެމުންނެވެ. މިކަމުގެ ތަޖުރިބާއެއް އެންމެ ފަހުން ހިއްސާކޮށްދެއްވީ ދިވެހިންގެ ތަރައްޤީގެ އެންމެ ބޮޑު ހިއްސާއެއް އަދާ ކުރާ އެމްޓިސީސީ ހުންގާނުގައި ހުންނެވި އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.
މިއަދު އެކުންފުނިން ވަނީ ބ. ތުޅާދޫގައި ތަރައްޤީކުރާ 30 އެނދުގެ ހޮސްޕިޓަލުގެ ބިންގާއަޅައި ޢަމަލީ މަސައްކަތް ފަށާފަ އެވެ. މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ސީއީއޯ ސިއްޙީ ޙިދުމަތް ވަރަށް ބޮޑަށް ކުރިއަރައި ގޮސްފައިވާކަން ފާހަގަކޮށްފަ އެވެ. އެގޮތުން ކޯވިޑު ތެރޭގައި މީގެ ކުރިން ރަށްރަށުން ނެހެދޭ އެތަށް ޓެސްޓެއް ހެދޭނެ އިންތިޒާމު ހަމަޖައްސައި، މާލެ ނުގޮސް އެހެން ރަށްރަށުން ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
އަދި މިހާރު ބޭރު ޤައުމުތަކަށް ނުގޮސް ރާއްޖޭގެ މާލެ ނޫން ރަށްރަށުންވެސް ރަނގަޅު ޚިދުމަތެއް ލިބޭ ކަން އާޒިމް ފާހަގަ ކުރެއްވިއެވެ. މިކަމުގެ މިސާލެއް ދެއްވަމުން، އާޒިމް ވިދާޅުވީ ދާދި ފަހުން އަނބިކަންބަލުންގެ ޕްރޮސީޖާއެއް ހަދަން އައްޑޫއަށް ދިޔަ ކަމަށެވެ.
"އަޅުގަނޑަށް ހަމަ ދެވޭނެ ރާއްޖެއިން ބޭރަށް ފުރައިގެންވެސް އިރާދަ ކުރެއްވިއްޔާ. އެކަމަކު އަޅުގަނޑުމެން ނިންމީ، ރާއްޖޭގެ ރައިސުލްޖުމުހޫއްރީއްޔާ މި ޤައުމަށް ގެނެސްދެއްވި ޙިދުމަތުގެ ބޭނުންކުރަން. ކީއްކުރަންތޯ ބޭރަށް ދާންވީ. ކީއްކުރަންތޯ އަޅުގަނޑުމެން މީހުން ކައިރިއަށް ދާންވީ އެ 200 ޑޮލަރު ހޯދަން" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ހޮސްޕިޓަލުން ލިބިގެން ދިޔަ ޚިދުމަތަކީ ބޭރު ޤައުމަކަށް ދިޔަ ނަމަވެސް ނުލިބޭހާ ރަނގަޅު ޚިދުމަތެއް ކަމަށެވެ. އަދި އެއްވެސް މައްސަލައެއް ނުޖެހި ޕްރޮސީޖާވެސް ނިމިގެން ދިޔަ ކަމަށް ވިދާޅުވިއެވެ.
" އޮޕަރޭޝަން ވަރަށް ކާމިޔާބު. ވަރަށް ފުރިހަމަ. އައްޑޫއިން ލިބުނު ޚިދުމަތަކީ އަޅުގަނޑުމެން ބޭރު ޤައުމަކަށް؛ ސިންގަޕޫރަށް ދިޔަޔަސް ނުލިބޭ ވަރުގެ ޚިދުމަތެއް. އެތަނުގެ މުވައްޒަފުންނަކީ އެހާ އޯގާތެރި ރަނގަޅު މުވައްޒަފުންނަށް ވެގެން ދިޔައީ." އާޒިމް ވިދާޅުވި އެވެ. " އަޅުގަނޑު އަންހެނުން ބަރަބަރު. އެއްކޮށް ރަނގަޅު"
އާޒިމްގެ ވާހަކައިގަ ކުރިން ބޭސްފަރުވާއަށް ދާން ޖެހުނު މީހުން ކައިރިއަށް މިހާރު ދާން ނުޖެހޭކަން ވަނީ ފާހަގަކޮށްފައެވެ. އަދި މިހާރުގެ ރައީސް ދިވެހިންނަށް އިއްޒަތާއި ޤަދަރުވެރި ދިރިއުޅުމެއް ހޯއްދަވައިދެއްވަން ކުރައްވާ މަސައްކަތުގައި އެއްކޮށް ތިބެން ޖެހޭ ކަމާށް ވިދާޅުވި އެވެ.
އައްޑޫ ހޮސްޕިޓަލުގެ ޚިދުމަތް ދޭން ފެށުނު ފަހުން، މިވަގުތު 14 ޑިޕާޓްމެންޓަކުން ޚިދުމަތް ދެއެވެ. އަދި މި ހޮސްޕިޓަލަކީ މާލެ ސަރަހައްދުން ބޭރުން އެންމެ ފުޅާ ދާއިރާއެއްގައި ޚިދުމަތް ދެމުންދާ ހޮސްޕިޓަލެއްވެސްމެ އެވެ.