Last Updated: November 24, 11:38
Sunday, November 24, 2024
ޚަބަރު

ބޭހުގެ ޑިމާންޑު ބޮޑު، ލިބުމުގައި ދައްޗެއް ނެތް

އެސްޓީއޯ ބޭސް ފިހާރައެއް ބޭރުން/ ފޮޓޯ: ރާއްޖެ އެމްވީ

މިހާރު ފެތުރެމުންދާ ވައިރަލް ރޯގާއިއެކު ބޭހަށް އޮތް ޑީމާންޑު އިތުރުވިއަސް، އެއްވެސް ދަތިކަމެއް ނެތި ބޭސް ލިބޭނެ ކަމުގެ ޔަޤީންކަން އެސްޓީއޯއިން ދީފިއެވެ.

ބޭސް ލިބުމުގައި ދަތިކަމެއް ނާންނާނެ ކަމަށް އެސްޓީއޯއިން ހާމަކޮށްފައިވަނީ، ހޮޑުލުމާއި ބޭރަށް ހިނގުމާއި ގުޅިގެންދޭ ބައެއް ބޭސްތައް ހުސްވެފައިވާ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާހަގަކޮށްފައި ވަނިކޮށެވެ. މިކަމާއި ގުޅިގެން ރާއްޖެއަށް އެންމެ ގިނައިން ބޭސް އެތެރެކުރާ ފަރާތް ކަމަށްވާ އެސްޓީއޯއިން ބުނެފައިވަނީ، މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން އެސްޓީއޯގެ ފާމަސީތަކުން ބޭސްގަނަގާ މިންވަރު އިތުރުވެފައިވާކަން އެ ކުންފުންޏަށްވަނީ ފާހަގަކުރެވިފައި ކަމަށެވެ.

އެގޮތުން އެސްޓީއޯއިން ބޭސް އެތެރެކުރަމުން ދަނީ ހުރިހާ މުޢައްސަސާއަކާއި މަޝްވަރާ ކުރެވިގެން ރާއްޖެއަށް ބޭނުންވާނެ މިންވަރު ދެނެގަނެވި އިސްރާފުވެސް ކުޑަވާނެ ގޮތަށް ބެލި އަދި ބޭހުގެ ފެންވަރާމެދު ސުވާލެއްވެސް ނުއުފުދޭ މިންވަރަށް ބެލިގެން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އަދި އެކުންފުނިން ބުނެފައިވަނީ ރާއްޖޭގައި މޫސުމީ ރޯގާތައް ފެތުރޭ ދުވަސްވަރު ދެނެގަނެވި، އެ ދުވަސްވަރަށް ބޭނުންވާ ބޭސްތައް އަބަދުވެސް ފޯރުކޮށްދޭ ކަމަށެވެ.

އަދި މިދުވަސްވަރު މާލެ ސަރަހައްދުގައި ފެތުރެމުންދާ ރޯގާ އާއި ގުޅިގެން ބޭސް ހުސްނުވެ ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އެކުންފުނިން ވަނީ ދީފައެވެ.

"މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއާއެކު، އެފަދަ ރޯގާތަކަށް އާއްމުކޮށް ދެވޭ ބޭސްތަކުގެ ޑިމާންޑް އިތުރުވެފައިވީނަމަވެސް މި ކުންފުނިން އެތެރެކުރާ ބޭސްތައް ލިބުމުގައި ދަތިކަމެއް ނެތްކަމުގެ ޔަގީންކަން އަރުވަން" އެސްޓީއޯން މީޑިއާއަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.

އެސްޓީއޯއިން މިގޮތަށް ބުނެފައިވާއިރު ބައެއް މީޑިއާތަކުން ވަނީ ރާއްޖެއިން ހޮޑުލުމަށް ދޭ ބައެއް ބޭސްތަކާއި އޯރްއެސް ހުސްވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

އެޗްޕީއޭއިން ވަނީ މިހާތަނަށް ބެލިބެލުމުން މިހާރު ފެތުރެމުންދާ ހޮޑުލުމާއި، ބޭރަށްހިނގުމުގެ ރޯގާއަކީ ކާއެއްޗެއްގެ ސަބަބުން ފެތުރިފައިވާ ބަލިމަޑުކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި މިއީ ވައިރަސް ކަން މިހާތަނަށް އެނގިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.