ރާއްޖެ މިހާރު ވެއްޓިފައި އޮތް ހާލަތުން އަރައިގަތުމަށް ބޭނުން ވަނީ ޒުވާން ލީޑަރެއް ކަމަށާއި އެ ބޭފުޅަކީ ޑިމޮރެކްޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކެމްޕޭނަށް އިލްޔާސާ އެކީ އިއްޔެ އައްޑު އަށް ވަޑައިގެން މިއަދު މަރަދޫގެ ބަޔަކާ އެކީ ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ރާއްޖެ އަށް މިހާރު ބޭނުން ވަނީ އުމުރުން 40 ވަރަކަށް އަހަރުގެ ވެރިއެއް ކަމަށެވެ. އަދި އެފަދަ މީހަކު ވާނީ ޒުވާންކަމުގެ ޖޯޝާއި ކަންކަން ކުރުމުގެ ފޯކަސް އާއި ޝައުގުވެރިކަމާ އެކީ މަސައްކަތް ކުރައްވާ މީހަކަށެވެ.
އެގޮތުން ބަލާ އިރު އިލްޔާސަކީ ގައުމު ހިންގޭ ފަދަ، ތަންދޮރު އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އޭނަ އަކީ މާލިއްޔަތު ދެނެވަޑައިގަންނަވާ އަދި އިގުތިސާދަށް ވެސް ރޯފިލާފައިވާ ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ޒުވާންކަމުގެ ޖޯޝްހުރިވެރިއެއް ރައީސުލްޖުމްހުރިއްޔާއެއް ރާއްޖެ އަށް މިއަދު ކިތަންމެހާ ވެސް ބޭނުން. އަޅުގަނޑަށް ފެންނަ ފެނުމުގައި ސާޅީހަކަށް އަހަރުވެފައިވާ މީހެއް ނޫނިއްޔާ މި ރާއްޖޭގެ ވެރިކަން، ރައްޔިތުންގެ އުންމީދާ އެއްގޮތަށް ހިންގަން މިހާރު ދަތި." ނަޝީދު ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ އުމުރުން 60 އަހަރުގެ ބޭފުޅަކަށް މިހާރު ސަރުކާރެއް ހަރުދަނާކަމާ އެކީ ހިންގުމަކީ ކުރެެއްވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ގަޑިއަށް އޮފީހަށް ވަޑައިގަތުމާއި ސަރުކާރުން ހިންގާ އެކި މަސައްކަތްތަކާއި މަޝްރޫއުތައް ބައްލަވައި، ކަންކަމަށް ފޯކަސްކުރެއްވުމަކީ އެ އުމުރުގެ ބޭފުޅަކަށް ދަތި ކަމެއް ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައީސް ކަމަށް މި ފަހަރު އިލްޔާސް ވަޑައިގަންނަވާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ.
"ރާއްޖެ މިއޮތް މަގާމުން، މިއޮތް ހާލަތުން ސަލާމަތްކުރެވެން އޮތީ އަޅުގަނޑުމެންގެ ކެންޑިޑޭޓް އިލްޔާސް ލަބީބު ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާއަކަށް އިންތިހާބުކޮށްގެން،" އެ މަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑުގެ ހިސާބުގައި އިލްޔާސް ވެރިކަމަށް ނާންނާނެ ގޮތެއް، އެއީ ވަރަށް ނާދިރު ގޮތެއް."
ނަޝީދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސް، އެ ބުރު އިލްޔާސް ކާމިޔާބު ކުރައްވާނެ އެވެ.
"ދެވަނަ ބުރުގައި ލިބޭނެ ވޯޓް މިހާރު މި ވަނީ ޑިމޮރެކްޓުންނަށް ކަށަވަރުކުރެވިފައި. އެއީ ފަންސާސް ފަސްހާހާ ފަސްދޮޅަސްހާހާ ދެމެދު ވޯޓް." އެ މަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑުމެން މިކަމަށް ނުކުމެ މަސައްކަތް ކުރީމަ އެ ވޯޓް އަޅުގަނޑުމެންނަށް ލިބޭނެ."