ރާއްޖޭގެ އުތުރާއި ދެކުނުގެ ޓޫރިޒަމް ފެސިލިޓީތަކުން ވެރިކަމުގެ ފުރަތަމަ ތިން އަހަރުގައި ޓީޖީއެސްޓީ ކަނޑާލާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.
ކެމްޕޭނަށް އޭނަ މިހާރު އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މަރަދޫގައި މިއަދު ހެނދުނު އޮތް ބައްދަލުވުމެއްގައި ވިދާޅުވީ އޭނަގެ ވެރިކަމެއްވައި އުތުރާއި ދެކުނުގައި ހިމެނޭ ރިސޯޓްތަކުންނާއި ގެސްޓް ހައުސް ވިޔަފާރިތަކުން ނަގާ ޓީޖީއެސްޓީ ޓެކްސް ކަނޑާލާނެ ކަމަށެވެ. އެގޮތުން އެފަދަ ވިޔަފާރިއެއް ފަށައިގެން ހިންގާ ފުރަތަމަ ތިން އަހަރު އެއްގޮތަކަށް ވެސް ޓެކްސް ނުނަގާނެ ކަމަށް ވިދާޅުވި އެވެ.
"އެ ތަންތަން ހަދައިގެން ހިންގާ ފުރަތަމަ ތިން އަހަރު ތެރޭގައި ޓީޖީއެސްޓީ އެކީ އަޅުގަނޑުމެން ކަނޑާލާނަން. އަދި އިތުރު ހަތް އަހަރު ޓީޖީއެސްޓީގެ ފަންސާސް ޕަސެންޓް އަޅުގަނޑުމެން ކަނޑާލާނަން، ޖުމުލަ ދިގަ އަހަރުގެ ވާހަކަ މި ދައްކަނީ." އިލްޔާސް ވިދާޅުވި އެވެ. "އޭގެ ބޭނުމަކީ މި ސަރަހައްދުތަކުގައި ޓުއަރިޒަމް ވިޔަފާރި ހިންގުން."
މީގެ އިތުރުން ރާއްޖެ އަންނަ ޓޫރިސްޓުން މާލެ ނޫން ސަރަހައްދުތަކުގެ ތަންތަނަށް އަންނަ އިރު، އެ މީހުންގެ ޓިކެޓް އަގު ވެސް ދިވެހިންނަށް ޓިކެޓް ލިބޭ އަގުގައި ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި ވިޔަފާރި ހިންގާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް އެނގިވަޑައިގަންނަވާ ކަމަށާއި އެ މީހުންނަށް ދިމާވެފައިާ މައްސަލަޔައް ހައްލުކޮށް ދެއްވާނެ ކަމަށެވެ. އެގޮތުން ޓެކްސްގެ ނިޒާމަށް ބަދަލު ގެނެސް، ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރާ ވިޔަފާރިތަކުން ނަގާ ޖީއެސްޓީގެ 50 ޕަސެންޓް އެ ރަށެއްގެ ކައުންސިލަށް ދޭ ގޮތަށް ހަމަޖައްސައި ބިމު ކުލީގެ ގޮތުގައި ކައުންސިލްތަކަށް ދޭ އާމްދަނީ 40 ޕަސެންޓުން 50 ޕަސެންޓަށް ބޮޑުކޮށް ރަށްރަށުގައި ކުރާ ވިޔަފާރިތަކުން ލިބޭ ގްރީން ޓެކްސްގެ އާމްދަނީ ސީދާ ކައުންސިލްތަކަށް ލިބޭ ގޮތް ހައްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.