މިސްކިތްތަކުގައި ސަފު ހަދާ އިރު، ލޯފަން މީހުންނަށް ފަސޭހައިން އެކަން ފާހަގަކުރެވޭނެ ގޮތެއް ނުހުންނާތީ އައްޑޫގެ ލޯފަން ޒުވާނަކު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މަރަދު އަށް ނިސްބަތްވާ އަބްދުﷲ ޒިޔާއު (ޒިޔާ) ގެ ފޭސްބުކް ސްޓޭޓެއްގައި އޭނަ މި ވާހަކަ މިއަދު ހިއްސާކޮށްފައިވެ އެވެ. ޒިޔާ އަކީ ދާދި ފަހުން އެމްޓީސީސީގެ ރާއްޖެ ޓްރާންޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީގެ ހިދުމަތް ތަޖުރިބާކޮށް، އެ ހިދުމަތުގައި ހުރި ފަސޭހަތަކުގެ ވާހަކަ ހިއްސާކުރި ލޯފަން މީހުންގެ ތެރެއިން އެކެކެވެ.
ލޯފަން މީހުންނަށް ނަމާދުތަކުގެ ޖަމާއަތަށް ސަފު ހަދާ އިރު، އެކަން ފާހަގަކުރެވޭނެ އެއްވެސް ގޮތެއް މިހާތަނަށް ދެވުނު ހުރިހާ ރަށެއްގެ މިސްކިތްތަކުން ވެސް ފާހަގަކުރެވިފައި ނުވާ ކަމަށް ޒިޔާ ބުންޏެވެ. އޭނަ ބުނި ގޮތުގައި ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގެ 30 ވަރަކަށް ރަށަށް ދެވިފައިވެ އެވެ.
"ފާހަގަކުރެވުނީ އާންމުކޮށް އެރުނު މިސްކިތްތަކުގެ ތެރެއިން އެންމެ މިސްކިތެއް ފިޔަވައި އެއްވެސް މިސްކިތެއްގައި ލޯފަން މީހުންނަށް ސަފު ވަކިކުރެވޭނެ ގޮތެއް ނެތްކަން." ޒިޔާ ބުންޏެވެ.
އޭނަ ބުނި ގޮތުގައި ސަފު ވަކިކުރަން އެނގުނު ހަމައެކަނި މިސްކިތަކީ މުށި ޖަހާފައި އިން މިސްކިތެކެވެ. އާންމުކޮށް މިހާރު ވަރަށް ގިނަ މިސްކިތްތަކުގައި ހުންނަނީ ކާޕެޓް ނުވަތަ ނެވިލޯން އަޅައިފަ އެވެ. އާންމުކޮށް ކާޕެޓްތައް ހުންނަނީ ސަފުތައް ހަދަން ފަސޭހަވާ ގޮތަށް ޑިޒައިންކޮށްފަ އެވެ. އަދި ނެވިލޯން އަޅާފައި ހުންނަ މިސްކިތްތަކުގައި ސަފު ހަދަން ފާހަގަކުރަން ރޮނގު ދަމާފައި ހުރެ އެވެ.
ޒިޔާ ފާހަގަކުރި ގޮތުގައި މިސްކިތްތަކުގައި މިހާރު ލޯފަން މީހުންނަށް ފަސޭހައިން ވަދެ ނުކުމެވޭ ގޮތަށް، ރޭމްޕް ހަދާފައި ހުރެ އެވެ.
"ނަމަވެސް ނަމާދުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ގިބުލަ އަށް ކުރިމަތިލާން ލޯފަން މީހާ އަށް އެނގޭނެ ގޮތެއް ނެތް،" އޭނަ ބުންޏެވެ. "މިކަމާ ވިސްނާލަނީ ކިތައް މީހުން ބާ؟"
ނަމާދަށް ސަފު ހަދާ އިރު، ސަފު ސީދާކޮށް، ގާތްގާތުޔގައި ތިބުމަކީ ނަމާދު ސައްހަވުމުގެ ޝަރުތެކެވެ.
އެހެންވެ ޒިޔާ ހިއްސާކުރި ކަންބޮޑުވުމަށް ހައްލެއް ބޭނުންވެ އެވެ. ގައިމު ވެސް އެއީ ލޯފަން މީހުންގެ ހައްގުގައި ކުރަން ވަރަށް މުހިއްމު ކަމެކެވެ.