މަޝްހޫރު މީސްމީހުންގެ ވެކްސް ސްޓެޗޫއަކީ މިހާރު އާ އެއްޗެއް ނޫނެވެ. އިނގިރޭސިވިލާތުގެ މެޑަމް ޓްސޯޑްސްގައި މިހާރު ވެސް ޝާހްރުކްގެ އިތުރުން ބޮލީވުޑްގެ އެތައް ތަރިންނެއްގެ ވެކްސް ސްޓެޗޫ އެބަ ހުއްޓެވެ.
މި ފަހަރު މި އޮތީ އަނެއްކާ ވެސް ސްޓެޗޫއެއްގެ ވާހަކަ އެވެ. އެކަމަކު ކުރިއާ މާ ބޮޑަށް ވެސް ތަފާތުކޮށެވެ. ޝާހްރުކްގެ ސްޓެޗޫ މި ފަހަރު އައީ 3ޑީ މޮޑެލްގަ އެވެ. އެ މިހާރު ވަނީ އާންމު ވެސްކޮށްފަ އެވެ.
އޭގެ ކައިރީގައި ހުރެެގެން ޝާހްރުކް ޕޯޒް ވެސް ކޮށްފި އެވެ. އޭގެ ފޮޓޯތައް އޭނާ ވަނީ ފޭސްބުކް ޕޭޖާއި ޓްވިޓާގައި ވެސް ފޭނުންނާ ހިއްސާކޮށްފަ އެވެ.
މި ސްޓެޗޫއަކީ ޝާހްރުކް ހާންގެ ޕްރޮޑަކްޝަން ހައުސް ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި އޮޓޯޑިސްކް އިންޑިއާ ގުޅިގެން ތައްޔާރުކޮށްފައިވާ ސްޓެޗޫއެކެވެ. މިއީ ދުނިޔޭގައި އުފެއްދި މިފަދަ ފުރަތަމަ 3ޑީ ސްޓެޗޫ އެވެ.
ޝާހްރުކްގެ ރެޑް ޗިލީސްއަކީ ސްޕެޝަލް އިފެކްޓްސް އާއި ވީއެފްއެކްސް އަށް އިންޑިއާގައި އަރާ ހުރި ކުންފުންޏެވެ. އޭނާ 2011 ވަނަ އަހަރު ސުޕަހީރޯ ރޯލަކުން ފެނިގެން ދިޔަ "ރާ.ވަން" ބަލާލުމުން ވެސް އެ ކުންފުނީގެ ކުޅަދާނަކަން ވަޒަންކޮށް ލެވޭނެ އެވެ.
ރިތިކްގެ ސްޕަހީރޯ ފްރެންޗައިޒް "ކްރިޝް 3" ގެ ވީއެފްއެކްސް ވެސް ހަދާފައި ވަނީ ރެޑް ޗިލީޒުންނެވެ.
ދުނިޔޭގައި ދެވަނަ އަށް އެންމެ މުއްސަނދި އެކްޓަރުގެ ގޮތުގައި ހުރި ޝާހްރުކްގެ 3ޑީ ސްޓެޗޫ ހުރީ އޭނާގެ ސިގްނޭޗާ ޕޯޒްގަ އެވެ. އެއީ އާންމުކޮށް އޭނާގެ ފިލްމުތަކުން ފެންނަ ދެ އަތް ފަތުރައިލާ ޕޯޒް އެވެ.
ސްޓެޗޫ އާ ދައްކާލުމަށް ފަހު ޝާހްރުކް ބުނީ މި މަސައްކަތަކި އޭނާގެ ކުންފުންޏާއި އޮޓޯޑިސްކްގެ އެތައް އަހަރެއްގެ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
އެހެންވެ މިކަމުގައި ޝާމިލްވި ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.