އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓްގެ މައްސަލާގައި ޕީޕީއެމަށް ނިސްބަތްވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް މަރިގެ އިންޒާރު ދިން މައްސަލަ އެ ޕާޓީން ކުށްވެރިކޮށްފި އެވެ.
ޕީޕީއެމުން މިއަދު ނެރުނުގައި ބަޔާނެއްގައި ބުނީ އިންޒާރު ދިން މައްސަލަ ފުލުހުން ތަހުގީގުކޮށް، އެކަން ކުރި މީހުންނަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ގޮވައިލާ ކަމަށެވެ.
މުއިއްޒަށް މަރުގެ އިންޒާރު ދީ މެސެޖުތަކެއް ފޮނުވީ ތައިލެންޑު ނަންބަރުކަން އޭނަގެ އަނބިކަނބަލުންގެ ފޯނަށެވެ. އެ މެސެޖުތަކުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނިންމުން ބަދަލުކުރަން މުއިއްޒު އެއްވެސް ވަރަކަށް ވިސްނަވައިގެން ނުވާނެ ކަމަށާއި ޔާމީންގެ ނިންމެވުމަކީ ފަހުގެ ނިންމެވުން ކަމަށް ބުނެފައިވެ އެވެ. އެގޮތުން ޔާމީންގެ ރަނިންމޭޓަކީ ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަމަށާއި ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަކަށް ވާނީ ޑރ. ޖަމީލް ކަމަށް ވެސްއި ބުނެފައިވެ އެވެ.
މީގެއިތުރުން ޔާމީންގެ ނިންމެވުމަށް ގޮންޖަހައި މުއިއްޒުގެ އަމިއްލަ ޕްލޭނާ އެކީ ކުރިއަށް ގޮސްފި ނަމަ ބޮޑެތި ކަންތައްތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އިންޒާރު ދީފައިވ އެވެ. އަދި އެހާ ހިސާބުން މުއިއްޒަކީ ޣައްދާރެއް ކަމަށް ނިންމާނެ ކަމަށާއި މިއީ ކުޅޭކުޅޭ ގޭމެއް ނޫން ކަމަށް ވެސް މެސެޖުތަކުގައިވެ އެވެ.
ޕީޕީއެމްގެ ބަޔާނުގައި ބުނީ ކޯލިޝަންގެ ލީޑަޝިޕާއި ސެނެޓް މަސައްކަތްކުރާނީ ބިރު ދެއްކުންތަކާއި އިންޒާރުތަކަށް ބެލުމެއް ނެތި ކަމަށެވެ.
"މި ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ޕާޓީގެ ލީޑަރު ޔާމީނަށް ސަރުކާރުން ކުރަމުން ގެންދާ އަނިޔާތަކުން އެ މަނިކުފާނު މިންޖުކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެ މަނިކުފާނަށް ކާމިޔާބުކޮށް ދިނުމުގައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރާނެ." ޕީޕީއެމުން ބުންޏެވެ.
ޑރ. ޖަމީލު ރަނިންމޭޓަކަށް ހަމަޖެއްސި ފަހުން ކޯލިޝަންގެ ތެރޭގައި ބޮޑެތި ހިޔާލުތުވުންތަކެއް އުފެދިފައިވެ އެވެ. އަނެއްކޮޅުން އިލެކްޝަން ކޮމިޝަން (އީސީ) އިއްޔެ ވަނީ ޔާމީންގެ ކެންޑިޑޭސީ ފޯމު ހުށަހެޅުމުން އިންތިހާބުގައި ވާދަކުރައްވަން ޝަރުތު ހަމަނުވާ ކަމަށް ނިންމައިފަ އެވެ. އެ މައްސަލަ އިދިކޮޅުން މިހާރު އޮތީ ސުޕްރީމް ކޯޓަށް ވައްދައިފަ އެވެ.