ގަން އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ އައްޑޫ ގަމަށް އާންމުން ދަތުރު ގޮސް އުޅޭތީ އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ކަމަށާއި އެ ރަށަށް ދަތުރު ދިއުމަކީ މަނާ ކަމެއް ކަމަށް އެ އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ބުނެފި އެވެ.
އެ ކުންފުނިިން މި މަހގެ 6 ވަނަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ގަމުގައި ހިންގާ އީކްއޭޓަ ވިލެޖާއި ގަން އައިލެންޑް ރިޓްރީޓް (ކުރީގެ ދޫގަސް) ފިޔަވައި ގަމުގެ އެއްވެސް ސަރަހައްދަކަށް ޕިކްނިކް ދިއުން މަނާ ކަމަށެވެ. އަދި ގަމުގެ އެކި ސަރަހައްދުތަކުން މަސް ބޭނުމަކީ ވެސް މަނާ ކަމެއް ކަމަށެވެ.
އަދި އެ އެންގުމާ ހިލާފަށް އަމަލު ކުރާ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް އޭއައިއޭ އިން ބުންޏެވެ.
އޭއައިއޭގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އިިންޓަނޭޝަަނަލް އެއާޕޯޓްތަކަކީ ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ވަކި މިންގަނޑުތަކެއް ބަހައްޓަން ޖެހޭ އަދި އިންޝުއާކޮށްފައިވާ ތަންތަނެވެ.
އެހެންވެ އެއާޕޯޓްގެ ސަރަހައްދުތަކަށް ދަތުރު ދިއުމާއި ގޮނޑުދޮށްތައް ބޭނުންކުރާތީ ގަން އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރި ކަމަށް ބުރޫއަރާ ކަމަށް އިއުލާންގައިވެ އެވެ.
"އާންމުން ގަމުގެ އޮފީސް ސަރަހައްދާއި އެއާ ފީލްޑް އެކްސެސް ޕޮއިންޓްތަކާއި މީގެ އިތުރަށް ވަނުން މަނާކަން ފާހަގަކޮށްފައިވާ ސަރަހައްދުތަކަށް ވަނުމަކީ މަނާ ކަމެއް ކަމަށް އާންމުކޮށް އަންގައި އިއުލާން ކުރީމެވެ،" އޭއައިއޭގެ ބަޔާނުގައިވެ އެވެ.
ގަމަށް ދަތުރު ގޮސް އުޅުން 2011 ގައި ވެސް މަނާކުރި އެވެ. އެކަމަކު އެކަން ހުއްޓިފައެއް ނުވެ އެވެ.
އައްޑޫގައި ދަތުރު ދާނެ ތަނެއް ނެތުމުގެ ޝަކުވާ ބޮޑެވެ. އެހެންވެ 2011 ވަނަ އަހަރުގެ ތެރޭގައި އައްޑޫގެ ހަ ސަރަހައްދެއް ޕިކްނިކް އޭރިއާގެ ގޮތުގައި ތަރައްގީ ކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމި އެވެ.
އަދި އެތަންތަން ތަރައްގީ ކުރާނެ ފަރާތްތައް ހޯދަން ތަކުރާރުކޮށް ބީލަމަށް ލައިގެން ވެސް އެދެވޭ ތަރުހީބެއް ލިބޭ ގޮތެއް ނުވި އެވެ. އެހެންވެ އެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.