އެންމެ ކެތްތެރި އިންސާނަކަށް އޭނާ އަށް ފެނިވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ހދ. ހަނިމާދޫގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުން ސިޔާމް ވިދާޅުވީ ދުނިޔޭގައި އުޅޭތާ މިހާރު ދުވަސްކޮޅެއް ވެފައިވާ ކަމަށާއި އިންސާނުންގެ ތެރެއިން އެހާ ކެތްތެރި ބޭފުޅެއް ރައީސް ސޯލިހު ފިޔަވާ ފެނިވަޑައިގެންފައި ނުވާ ކަމަށެވެ.
"ހަމަ ނުފެންނަނީ. އަޅުގަނޑު ހިތާ ހިތާއި ސުވާލު ކުރެވޭ އަޅުގަނޑަށް އެ ކެތްތެރިކަން މާތްﷲ ދެއްވާނެ ބާއްވައޭ. އަޅުގަނޑު ދުއާ ވެސް ކުރަން،" ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ ކެތްތެރިކަމާއި، ހިކުމަތްތެރިކަން އަދި ވިސްނުން އިސްކޮށްގެން މަސައްކަތްކޮށްފި ނަމަ ކާމިޔާބު ވާނެކަން ރައީސް ދައްކަވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއް ބުރުން ނަގަން ރައީސް ސޯލިހަށް ވޯޓު ދޭން ހުރިހާ ރައްޔިތުންނަށް ގޮވާލާ ކަމަށާއި އަދި އިންތިހާބަށް ދެން ކުރިމަތިލައްވަން ތިއްބެވި ކެންޑިޑޭޓުން ވެސް ބޭކާރު މަސައްކަތް ނުކޮށް ރައީސް ސޯލިހުގެ ފަހަތަށް އަރާވަޑައިގަތުމަށް ސިޔާމް ވަނީ ގޮވާލާފަ އެވެ.
"އެ ބޭފުޅުންނަށް ކެންޑިޑޭޓެއް ވެސް ނުދެއްކުނު. ކެމްޕޭނެއް ވެސް ނުފެށުނު. އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ސިޔާސީ ހުރިހާ ލީޑަރުންނަށް، އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާށޭ. ކީއްކުރަންތޯއޭ ބޭކާރު މަސައްކަތެއް ތި ކުރައްވަނީ،" ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވަނީ އެހެން ސިޔާސީ ލީޑަރުންނަށް ވެސް ކުރިއެރުމެއް އަދި ކާމިޔާބެއް ވެސް އޮތީ ރައީސް ސޯލިހާއި ގުޅިވަޑައިގެން ކަމަށާއި އަމާންރާއްޖެ އަށް ދެވޭނީ ރައީސް ސޯލިހާއެކު ކަމަށްވެސް ވިދާޅުވެފަ އެވެ.