ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލައަށް ޕީޕީއެމް ތަދައްހުލުވެ އެޓާނީ ޖެނެރަލްގެ އޮފީސް ތަދައްހުލުކޮށްފިއެވެ.
ރައީސް ޔާމީންގެ ކެންޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައިވަނީ ހުކުރު ދުވަހުގެ މެންދުރު 15:00 އަށެވެ.
ކެންޑިޑަސީގެ މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް އޭޖީ އޮފީސް ތަދައްޚުލު ކޮށްފައިވަނީ ސުޕްރީމް ކޯޓަށް ޤާނޫނުން ލިބިދޭ އިހްތިޔާރުގެ ދަށުންނެވެ.
މީގެއިތުރުން ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ހަމަޖެއްސި ޕީޕީއެމްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި "އެމަނިކުފާނާއި އެމަނިކުފާނަށް ތާއީދުކުރާ އެންމެހައި ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށްދިނުމަށްޓަކައި"، އެ މައްސަލައަށް ޕީޕީއެމްއިން ތަދައްޚުލުވެފައިވާ ކަމަށެވެ.
ދިވެހީންގެ ރިޔާސީ ކެންޑިޑޭޓް ޕީޕީއެމްގެ ރައީސް @prz_ymn ގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވައި އެ ކޯޓުން ބައްލަވަމުން ގެންދަވާ ނަންބަރު: 2023/SC-C/01 ޤަޟިއްޔާގެ މައްސަލައިގައި އެމަނިކުފާނާއި އެމަނިކުފާނަށް ތާއީދުކުރާ އެންމެހައި ރައްޔިތުންގެ ޙައްޤުތައް… pic.twitter.com/46f5Cf3WP2
— Mohamed Tholal (@Tholal) August 3, 2023
ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ރައީސް ޔާމީން އީސީއަށް ކެންޑިޑަސީ ހުށަހެޅުމުން އީސީން ނިންމާފައިވަނީ ރައީސް ޔާމީނަށް "ރައިސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން، އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރެވެން ނެތް" ކަމަށެވެ.
އެކަމުގެ ސަބަބެއްގެ ގޮތުން އީސީން ބުނެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ހުކުމެއް އައިސްފައިވާއިރު އެ ހުކުމް ތަންފީޒުކޮށް ނިިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށެވެ.
Hearing Details:
Date: 04 August 2023
Time: 15:00
YouTube Channel: https://t.co/zFW9NvnxlC pic.twitter.com/nxUJTQlPJo— Supreme Court of the Maldives (@SCMaldives) August 3, 2023