ގަމާއި ފޭދު އާ ދޭތެރޭ އޮންނަ ފާލަންމަތީގައި ހުރި ގިނަ ލައިޓްތަކެއް ރޭގަނޑު ނުދިއްލޭތީ ބައެއް މީހުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
"އައްޑޫ ލައިވް" އާ މިއަދު ވާހަކަ ދެއްކި މީހަކު ބުނީ ފާލަންމަތީގައި ޖަހާފައި ހުރި ލައިޓްތަކުގެ ތެރެއިން މިހާރު ދިއްލެނީ އެންމެ ދެ ލައިޓް ކަމަށެވެ.
"އެހެންވެ ރޭގަނޑު ފާލަންމަތި ވަރަށް އަނދިރިކޮށް އޮންނަނީ. މީގެ ސަބަބުން ވަރަށް އުނދަގޫ އެބަވޭ،" އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ފާލަންމަތީގައި ހުރި ލައިޓްތައް ނުދިއްލޭ މައްސަލާގައި ގަމުގެ ކަންތައްތަކާ ހަވާލުވެފައި އޮންނަ ގަން އެއާޕޯޓް ކޮމްޕެނީ (ޖީއޭސީއެލް) އަށް ވެސް ޝަކުވާ ގެންގޮސްފައިވާ ކަމަށެވެ.
"އެކަމަކު މިކަމާ ގުޅިގެން އެ ކުންފުނީގެ ފަރާތުން ޒިންމާދާރު ޖަވާބެއް ލިބޭ ގޮތެއް ނުވޭ. އަޅުގަނޑުމެންނަށް އެނގިފައި އޮތް ގޮތުން އެ ލައިޓްތައް ބެލެހެއްޓުމުގެ މަސައްކަތް ކުރަނީ އެ ކުންފުނިން،" އޭނާ ބުންޏެވެ. "ދެން ފެނަކަ އާ ވާހަކަ ދެއްކީމަ އެ މީހުން ބުނަނީ އެއީ މީހުންނާ ހަވާލުވެފައި އޮތް މަސައްކަތެއް ނޫން ކަމަށް. އެހެންވެ މިކަން ކުރާނެ ބަޔަކު ނޭނގި ރައްޔިތުންނަށް ތުރާލާ ކުރިމަތިލާން ޖެހިފައި މި ވަނީ."
މިކަމާ ބެހޭ ގޮތުން ޖީއޭސީއެލްގެ އިތުރުން އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގެ ބަހެއް ހޯދަން ކުރި މަސަައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ.