Last Updated: September 9, 12:50
Monday, September 9, 2024
މުނިފޫހިފިލުވުން

ކަރަންގެ ދަރުމާ އިން "ކިލް"

ޑައިރެކްޓަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޖާދޫގައި އެތައް ބަޔަކު ޖެހިފައި ވަނިކޮށް އެ ސްޓޫޑިއޯ އިން އާ ފިލްމެއް އިއުލާންކޮށްފި އެެވެ.

އިއްޔެ ފަސްޓްލުކް ޕޯސްޓަރެއް ވެސް ދައްކައިލި މި ފިލްމަކީ އެކްޝަން ފިލްމެއް ކަމަށްވާ "ކިލް" އެވެ. މީގެ ބަތަލަކީ ދަރުމާ އިން 2019 ގައި ޝޫޓިން ފެށި ނަމަވެސް ފަހުން ހުއްޓި، ވާނުވާފައި އޮތް ފިލްމު "ދޯސްތާނާ 2" ގެ ކާސްޓްގައި ހިމެނޭ އާ އެކްޓަރު ލަކްޝް ލަލްވާނީ އެވެ. އޭނަ އަކީ ދަރުމާ އިން 2021 ގައި އިއުލާންކުރި "ބޭދަޅަކު" ގެ އެއް ބަތަލު ވެސް މެ އެވެ. އެ ފިލްމު ވެސް އޮތީ ހުއްޓިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން މިހާރު ހަދަމުން އަންނަ ވެބް ސީރީސް "ސްޓާޑަމް" ގެ ކާސްޓްގައި ވެސް ލަކްޝް، 27، ހިމެނެ އެވެ.

އޭނަގެ ފުރަތަމަ ފިލްމުގެ ގޮތުގައި ދަރުމާ އިން "ކިލް" ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، ބުނީ އަންނަ މަހުގެ 17-23 އަށް ބާއްވާ މި އަހަރުގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގެ "މިޑްނައިޓް މޭޑްސް" ގެ ސެކްޝަންގައި ފިލްމު ޕްރީމިއާކުރަން ވެސް ފުރުސަތު ލިބިފައިވާ ކަމަށެވެ.

އެހެންވެ ވަރަށް އަވަހަށް "ކިލް" ގެ ރަސްމީ ޕޯސްޓަރާއި ޓީޒާ ވެސް އާންމުކުރާނެ ކަމަށް ބުނެފައިވެ އެވެ. ދަރުމާ އާއި ޕްރޮޑިއުސަރު ގުނީތު މޮންގާގެ ސިކިއާ އެންޓަޓައިންމަންޓް ގުޅިގެން ހަދާފައިވާ ފިލްމުގެ ޑައިރެކްޓަރަކީ ނިކިލް ނާގޭޝް ބަޓެވެ.

ދަރުމާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސިދާތު މަލްއުތުރާގެ "ޔޯދާ" އާއި ވިކީ ކޯޝަލްގެ "މެރޭ މެހެބޫބް މޭރޭ ސަނަމް" އަދި ޖާންވީ ކަޕޫރާއި ރާޖްކުމާރު ރާއޯގެ "މިސްޓަ އެންޑް މިސިޒް މާހީ" ހިމެނެ އެވެ.